
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު
ރަށްރަށުގެ ކަރަންޓު ޚިދުމަތުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު މިކަން ހާމަކުރައްވާ ވިދާޅުވީ ސަރުކާރުން ސްޓެލްކޯގެ ދަށަށް ބަދަލުކުރި އިތުރު ރަށްރަށުގެ ކަރަންޓު ޚިދުމަތުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު ފެނަކައިގެ ދަށުން ޚިދުމަތް ދެމުންދިޔަ ބައެއް އަތޮޅުތައް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. އެއީ ބ. އަތޮޅާއި، މ. އަތޮޅާއި، ޅ. އަތޮޅުގެ ޔޫޓިލިޓީގެ ޚިދުމަތްތަކެވެ.
މިއީ ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދު ފުޅާއެކު ނިންމާފައިވާ ގޮތެކެވެ.
ސްޓެލްކޯގެ ބެލުމުގެ ދަށުގައި ހުރި ރަށްރަށުގެ ކަރަންޓުގެ ފެންވަރު މަތިކުރުމަށް ކޮންމެ އަހަރަކު ވެސް ބަޖެޓުކުރެވިގެން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ އެމްޑީ ވިދާޅުވީ އަލަށް ސަރުކާރުން އެކުންފުންޏާއި ހަވާލުކޮށްފައިވާ އަތޮޅުތަކުގެ ރަށްރަށުގެ ޚިދުމަތްތައްވެސް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އެމްޑީ ވިދާޅުވީ ހުރިހާ ރަށަކާއި ގުޅޭގޮތުން ގެންގުޅޭ މިންގަނޑަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ޕްލޭންކުރެވިގެން ކުރިއަށްދާ ކަމަށާއި ފަހުން ހަވާލުކުރި މި ތިން އަތޮޅުގެ ކަންކަން އިތުރު ސަޕްލިމެންޓްރީ ބަޖެޓެއްގެ ތެރެއިން ކުރަމުން އަންނަކަމަށެވެ.
ސްޓެލްކޯ އިން މިހާރު ދަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ 61 ރަށުގެ ޔޫޓިލިޓީގެ ޚިދުމަތް ދެމުންނެވެ. ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާކުރުމަށް ރަށްރަށުގައި މުހިއްމު ގިނަ މަސައްކަތްތަކެއް މިހާރުވެސް އެކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން ކުރީގެ އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމާއި، އިންޖީނުގެތައް އާބާތުރަފިލުވުމާއި، ތެޔޮ ހޮޅިތައް އެޅުމާއި، ޓޭންކު ބެހެއްޓުމުގެ ބޮޑެތި މަސައްކަތްތައް ކުންފުނީގެ ބަޖެޓުން ދަނީ ކުރަމުންނެވެ.










