
ޓޫރިސްޓުން
މިމަހުގެ ފުރަތަމަ 8 ދުވަސްތެރޭ 55,834 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 52،275 ފަތުރުވެރިންނާ އަޅާ ބަލާއިރު %5.6 އިތުރު އަދަދެއްކަަމަށްވާއިރު، މެދުއިރުމަތޫގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުމަށްފަހު، މިހާރުމިވަނީ ފަތުރުވެރިންގެ އަދަދަށް ކުރިއެރުން ލިބެން ފަށާފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށް %1.7 ކުރިއެރުމެއް ލިބުނު ނަމަވެސް، ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު %12 ވަނީ ދަށްވެފައެވެ. އަދި ޖުލައި މަހު %1.9 ވަނީ ދަށްވެފައެވެ. އޮގަސްޓުމަސް ފެށިގެން މިދިޔައީ އުއްމީދީ ނަމްބަރުތަކަކާއެކުއެވެ.މިމަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ އިރު، މިދިޔަ ދުވަސްތަކުގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އަދި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 7،879 ފަތުރުވެރިން އައިސްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.3 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު، %4.1 ދަށް އަދަދެކެވެ.












