
ބަންގްލަދޭޝްގައި ފެންބޮޑުވެފަ
ބަންގްލަދޭޝްގައި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެންރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާއެއް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައިި ރައީސް ވަނީ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު މުހައްމަދު ތޯރިގް ރަހްމާނަށާއި އެ ގައުމުގެ ރައްޔިތުންނަށް މި ހިތާމަވެރި ދަނޑިވަޅުގައި ސާބިތުކަމާއެކު ހަމްދަރުދީ ފާޅުކުރައްވާފައެވެ. އަދި މި ގުދުރަތީ ހާދިސާތަކުގައި ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކުރައްވާފައި ވެއެވެ.
މީގެއިތުރުން ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބުނު އެންމެހާ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދި ވަނީ ހެޔޮ ދުއާ ފޮނުއްވާފައެވެ. ރައީސްގެ މެސެޖުގައި ބަންގްލަދޭޝްއަށް ދިމާވެފައިވާ މިފަދަ ނާޒުކު އަދި ދަތި ދަނޑިވަޅެއްގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އެ ގައުމާ އެކު ސާބިތުކަމާއެކީގައި ކަމުގެ ޔަގީންކަމެވެ. އަދި މި ހާދިސާގެ އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުން، ހާލުގައި ޖެހިފައިވާ އާއިލާތަކަށް ރައްކާތެރިކަމާއި ހިތްވަރު ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 44 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
.jpg?w=3840&q=75)















