


.jpeg?w=3840&q=75)




ފައްޔާޒާއި ނަޝީދު ސަލާމްކުރައްވަނީ: ފޮޓޯ / ސަން މީޑިއާ
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ރައީސް މުޙައްމަދު ނަޝީދު ހޯއްދެވި ބޮޑު ކާމިޔާބީއަކީ މިހާރު އޮތް ސަރުކާރު ސިޔާސީގޮތުން ބަލިކަށިކޮށް، ކުރިއަށް އޮތް ތަނުގައި ސަރުކާރު އެއްކޮށް ބަލިކުރުމަށް އެމްޑީޕީގެ ސަފުތައް އެކަމަށް ތައްޔާރުވެފައިވާކަން ސާބިތުކޮށްދިން ވަރުގަދަ ފެށުމެއް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އިންތިޚާބު ނަޝީދުއަށް ކާމިޔާބުވެފައިވާކަން ކަށަވަރުވުމާއެކު، ފައްޔާޒް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ދެން އެމްޑީޕީން ނުކުންނާނީ ބަދަހި ލަޝްކަރަކާއެކު ސަރުކާރު ބަލިކުރުމަށް ކަމަށެވެ.
ފައްޔާޒްގެ މެސެޖުގައި، މި އިންތިޚާބަށް ލިބުނު ކުޑަ ދުވަސްކޮޅު ތެރޭގައި މުޅި ރާއްޖޭގައި އެމްޑީޕީގެ "ރީނދޫ ލަޝްކަރު" އަލުން ހޭލައްވާލައި، ސަރުކާރާ ދެކޮޅަށް ސަފުތައް ރުކުރުވާލެވުނު މަންޒަރު ފެނުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރެއްވިއެވެ. އަދި ކެމްޕޭނުގައި ބުރަކޮށް މަސައްކަތް ކުރެއްވި ރައީސް ނަޝީދުގެ ކެމްޕޭން ޓީމަށާއި، ރާއްޖޭގެ އެކި ކޮޅުތަކުން ނުކުމެ ވޯޓުލީ ޕާޓީގެ ހުރިހާ ޢާންމު މެންބަރުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ، މެންބަރުން މިއަދު އެ ސާބިތުކޮށްދިނީ ޕާޓީގެ ވިންދަކީ އަދި ސަރުކާރާ ދެކޮޅަށް މިސްރާބު ކަނޑައަޅާ ބާރަކީ ހަމަ ސީދާ ޢާންމު ރައްޔިތުންކަމެވެ.
މީގެ އިތުރުން، އިންތިޚާބުގައި ވާދަވެރި ރޭހެއް ދެއްކެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމާއި އޭނާގެ ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ފައްޔާޒް ވަނީ ސާބަސް ދެއްވާފައެވެ. އެތެރޭގެ ވާދަވެރިކަން ނިމުމަކަށް އައުމާއެކު، ދެން އެމްޑީޕީގެ ކުރިމަތީގައި އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ހުރިހާ ޚިޔާލުތަފާތުވުންތަކެއް އެއްފަރާތްކޮށް، އެންމެން އެކުގައި ގޮސް މިހާރު އޮތް ސަރުކާރު ސިޔާސީ ގޮތުން އިނދަޖައްސާލުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަދި ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.
ފައްޔާޒްގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ތިއްބެވީ ޤައުމީ ފެންވަރުގެ ބޮޑު ބަދަލަކަށް ފުރިހަމައަށް ތައްޔާރަށްކަން މިއަދުގެ ވޯޓުން ސާބިތުވެއްޖެ ކަމަށެވެ. އަދި ރައީސް ނަޝީދަށް މެންބަރުން ދެއްވި ބޮޑު ވޯޓާއެކު، މި ސަރުކާރުގެ ބާރުތައް ކަނޑުވާލައި ރާއްޖެއަށް "ބޮޑު ބަދަލު" ގެނައުމުގެ އައު މަސައްކަތް މިއަދު ރަސްމީކޮށް ފެށިގެން ހިނގައްޖެ ކަމަށް ވިދާޅުވެ، "އެމްޑީޕީ ކުރިއަށް!" ގޮވާލައްވަމުން އޭނާ ވަނީ މެސެޖު ނިންމާލައްވާފައެވެ.



.jpeg?w=3840&q=75)




%20(2).jpg?w=3840&q=75)