








-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ވިހިވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ސެސަމީ ޕީނަޓް ނޫޑްލްސް އެވެ.
އެންމެ ފުރަތަމަ ބޮޑު ތެެއްޔެއްގައި ފެން ހޫނުކޮށްލާށެވެ. ފެން ގަނޑު ކެކެން ފެށުމުން ނޫޑްލްސް އަޅާފައި މަޑުވަންދެން ކައްކާލާށެވެ. ނޫޑްލްސް ކެކެމުން ތެލިން ނަގާފައި ފިނި ފެންފޮދަކުން ދޮވެލާފައި ފެން ރަނގަޅަށް ހިންދާލާށެވެ. އެއަށްފަހު 1 މޭޒުމަތީ ސަމުސާ ސެސަމީ އޮއިލް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އޭރުން ނޫޑްލްސްތައް ތަތްނުވެ ހުންނާނެއެވެ. އަދި ސޯސް ތައްޔާރު ކޮށްނިމެންދެން ފިނިކޮށް ބެހެއްޓުމަށް ޕްލާސްޓިކް ރެޕް އަޅާފައި ފްރިޖަށްލާފައި ބައިންދާށެވެ.
ދެން ސޯސް ތައްޔާރުކުރުމަށް ކުޑަ ތައްޓަކަށް 1 މޭޒުމަތީ ސަމުސާ ސެސަމީ އޮއިލް، ޕީނަޓް ބަޓަރ، ސޯޔާ ސޯސް، ރައިސް ވިނިގާ އަދި ލޮނުމެދު އަޅާފައި އުލަކުން ރަނގަޅަށް އެއްކޮށްލާށެވެ. ދެން ނޫޑްލްސް ތައްޓަށް ސޯސް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ގާރނިޝް ކުރުމަށް ސެސަމީ ސީޑްސް އަދި ގްރީން އަނިއަން މައްޗަށް ބުރުވާލާށެވެ.
މިހާރު މިހިރީ ސެސަމީ ޕީނަޓް ނޫޑްލްސް ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ޕީނަޓް ބަޓަރ މީރު ބޭފުޅުންނަށް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ނޫޑްލްސްއެކެވެ. ރޯދަ ވީއްލާގަޑިއަށް ނުވަތަ ތަރާވީސް ގަޑިއަށްވެސް މިއީ ވަރަށް ކަމުދާނެ ރެސިޕީއަކަށް ވާނެކަމަށް ހީކުރަމެވެ.