








-
ދާދި ފަހުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ޢަބްދުލްޣަނީ މުޙައްމަދު، ހައިކޯޓުގެ ފަނޑިޔާރުންނާއި ބައްދަލުކުރައްވައިފި އެވެ.
މިއީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ހައިކޯޓުގެ ފަނޑިޔާރުންނާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހައިކޯޓުގައި އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އުއްތަމަ ފަނޑިޔާރު ވަނީ ހައިކޯޓުގެ އިމާރާތް ބައްލަވައި ކޯޓުގެ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް މަޝްވަރާކުރައްވާފައި އެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުން ރަނގަޅު ނަތީޖާއެއް ނެރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައާއި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންވެސް މިއަދު ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ޢަބްދުލްޣަނީ އައްޔަނުކުރެއްވީ މިދިޔަ ހަފްތާގައި އެވެ.








