



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



އިރާނުން މިރޭ ގަތަރުގައި ހުންނަ އެމެރިކާ އަސްކަރިއްޔާގެ އަލް އުދީދު އަސްކަރީ ބޭސްއަށް ދިން ހަމަލާގައި އެއް މިސައިލް ކާމިޔާބުކަމާއި އެކު އަމާޒަށް ވާސިލްވި ކަމަށް ގަތަރުން ކަށަވަރުކޮށްދީފި އެވެ.
ގަތަރުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު މިރޭ ވިދާޅުވީ އިރާނުން އަލް އުދީދު ބޭސްއަށް އަމާޒުކޮށް 19 މިސައިލް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން 18 މިސައިލެއް ކާމިޔާބުކަމާއި އެކު ހުއްޓުވުނު ކަމަށެވެ. ނަމަވެސް އެއް މިސައިލް އުދީދު ބޭސްއަށް އަމާޒުވިކަން ކަށަވަރުކޮށްދެއްވައި ތަރުޖަމާނު ވިދާޅުވީ މިސައިލް އަމާޒަށް ވާސިލްވި ނަމަވެސް އެއްވެސް މީހަކަށް ގެއްލުން ވެފައިނުވާ ކަމަށެވެ.
މި ހަމަލާގައި އުދީދު ބޭސްއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އޭނާ ހާމަނުކުރައްވައެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ ހަމަލާތައް ހުއްޓުވުމަށް ގަތަރު އަސްކަރިއްޔާއިން ކުރި މަސައްކަތްތަކުގެ ތަރެއިން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވެއްޓުނު މިސައިލްގެ ކުނިތަކުގެ ސަބަބުން ކުދި ކުދި އަލިފާނުގެ ހާދިސާތައް ހިނގި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
ގަތަރުން ވަނީ މި ހަމަލާގެ ކުރީން އިރާނުން ގަތަރަށް އެއްވެސް އިންޒާރެއް ދީފައި ނުވާކަމަށާއި މިއީ ކުއްލި ހައިރާންކަމެއް ގެނުވި ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައި އެވެ. އަދި މެދުއިރުމަތީގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުން އަންނަކަން ގަތަރުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް މިއަދު މިފަދަ ހަމަލާއަކާއި ހިސާބަށް ކަންކަން ދިޔައީ ލުބުނާނާއި ، ސީރިއާ، އިރާން، ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ކަމަށެވެ.
ހަމަލާގެ އިންޒާރު ނުލިބޭ ކަމަށް ގަތަރުން ބުނެފައިވާއިރު މީގެ އިރުކޮޅެއް ކުރީން މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފުރަތަމަ ފަހަރަށް ބަހެއް ވިދާޅުވަމުން ވަނީ މި ހަމަލާގެ އިންޒާރު އިރާނުން އެމެރިކާއަށް ދިން ކަމަށް ވިދާޅުވެފައި އެވެ.




.jpg?w=3840&q=75)


