



%20(3).jpeg?w=3840&q=75)



--
އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގު ރަސްމީކޮށް ފަށައިފި އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ އަހްމަދުއާބާދުގައި ހިނގި ހިތާމަވެރި ހާދިސާއަށް ފަހު، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން މިހާރު ރަސްމީކޮށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން، މިމައްސަލަ ފުރިހަމައަށް ބެލުމަށްޓަކައި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ކޮމެޓީއެއް ސަރުކާރުން އެކުލަވާލަމުން ދާ ކަމަށާއި މި ކޮމިޓީގެ އަމާޒަކީ އޭވިއޭޝަންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް މުސްތަގުބަލުގައި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުން ކަމަށް ވަނީ ބުނެފައި އެވެ.
އިންޑިއާއިން މި ހާދިސާގެ ރަސްމީކޮށް ތަހުގީގު ފެށުމާއި އެކު އިނގިރޭސިވިލާތުގެ އެއާ އެކްސިޑެންޓްސް އިންވެސްޓިގޭޝަން ބްރާންޗް (އޭއޭއައިބީ) އިން އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއަށް ރަސްމީކޮށް އެހީތެރިކަން ފޯރުކޮށްދޭން މިހާރު ވަނީ ހުށަހަޅާފައި އެވެ.
އިނގިރޭސިވިލާތުގެ އޭއޭއައިބީން ބުނީ ފްލައިޓުގައި އިނގިރޭސި ރައްޔިތުން ތިބުމާއި އެކު އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންޑިއާގައި ހިނގި ސަލާމަތީ ހާދިސާގެ ތަހުގީގަށް އެކްސްޕާޓުންގެ ޓީމެއް އިންޑިއާއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަދު ވެއްޓުނު މަތިންދާބޯޓު އުފެއްދި ކުންުފުނި ކަމަށްވާ ބޮއެންގް އިން ވެސް މިހާރު ވަނީ މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ހާމަކޮށްފައިއެވެ. އަދި އެކުންފުނީގެ އެކްސްޕާޓުންގެ ޓީމެއްވެސް އިންޑިއާގެ އޭއޭއައިބީގެ ތަހުގީގަށް އެހީވުމަށް އިންޑިއާއަށް ފޮނުވާނެކަންވެސް ވަނީ ހާމަކޮށްފައި އެވެ.
ބޮއެންގ އިންވެސް ވަނީ މި ހާދިސާގެ ބޮޑު ތަހުގީގެއް މިހާރު ފަށާފައި އެވެ.




%20(3).jpeg?w=3840&q=75)



