



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



ބްރެޒިލް އާއި އެކުއެޑޯ ވާދަކުރި މެޗުގެ ތެރެއިން
ވޯލްޑްކަޕް ކޮލިފައިން ސައުތު އެމެރިކާ ސަރަހައްދުގައި ރޭ ފަތިހު ރަށުން ބޭރުގައި ބްރެޒިލް އިން އެކުއެޑޯ ދެކޮޅަށް ކުޅުނު މެޗު ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.
ކޮލިފައިންގައި ބްރެޒިލް އެންމެ ފަހުން ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން އާޖެންޓީނާ އަތުން ބަލިވެފައިވާއިރު، އެކުއެޑޯ އެންމެ ފަހުން ކުޅުނު މެޗުގައި ޗިލީ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރެޒިލް އެވެ.
މިމެޗަކީ ބްރެޒިލްގެ ކޯޗުކަމާއި މިދިޔަ މަހު ހަވާލުވި އިޓަލީގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗޮލޯޓީ ޓީމާއި ހަވާލުވި ފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އަދި އަންޗޮލޯޓީ ފުރަތަމަ އެކުލަވާލި ބްރެޒިލްގެ ޓީމުން ތަޖްރިބާކާރު މިޑްފީލްޑަރު ކަސަމީރޯއަށް އަލުން ޖާގަދީފައިވާއިރު، އުމުރުން 18 އަަހަރުގެ ޒުވާން ފޯވާޑް އެސްޓަވާއޯ ވަނީ ފުރަތަމަ ފަހަރަށް ބްރެޒިލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.
މުޅި މެޗުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ކޮލިފައިންގައި ކުޅުނު 15 މެޗުން އެކްއެޑޯއަށް 24 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ސައުތު އެމެރިކާ ސަރަހައްދުގެ ކޮލިފައިން ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު 15 މެޗުން ބްރެޒިލްއަށް 21 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.








.jpg?w=3840&q=75)