




.jpeg?w=3840&q=75)



ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އުތުރާއި މެދުރާއްޖޭ ތެރޭގައި މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓުން ބުނީ އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ތޫފާންގެ ސީފާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރެ އެވެ. އެގޮތުން އެންމެ ބޮޑަށް ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކޮށްފައިވަނީ އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ 4 ފޫޓާއި 7 ފޫޓާ ދެމެދަށެވެ.
މީގެއިތުރުން މެޓުން ވަނީ މިއަދުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ވައި ހުންނާނެ ކަމަށް ބެލެވެނީ ހުޅަނގުދެކުނާއި، ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓުން ދަނީ އެކި ސަމާލުތައް ނެރެމުންނެވެ.




