




.jpeg?w=3840&q=75)



ރައްޔިތުންގެ މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑު ކުރާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ މިދިޔަ ހަފުތާގައެވެ.
ކޮމިޓީ ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއި މަޖިލިސް މެންބަރުންނަށް ލިބޭ މުސާރަ އާއި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައިގެ ފަރަގު ތަފާތު ކުރުމުގެ ގޮތުން މަޖިލިސް ރައީސްގެ މުސާރަ ބޮޑު ކުރުމަށްޓަކައި 22،000 ރުފިޔާގެ އެލަވަންސެއް މަޖިލިސް ރައީސަށް ހަމަޖެއްސުމަށެވެ. އޭރުން މަޖިލިސް ރައީސަށް 95125 ރުފިޔާ، ނައިބު ރައީސަށް 91000 އަދި މެންބަރުންނަށް 82500 ރުފިޔާ ލިބި، އެ ފަރާތްތަކުގެ މުސާރައިގެ ފަރަގު ތަފާތުވެގެންދާނެއެވެ.
މަޖިލީހުގެ ރައީސަށް މިހާރު ލިބެނީ 73125 ރުފިޔާ އަދި ނައިބު ރައީސަށް 91،000 ރުފިޔާއެވެ. މެންބަރުންނަށް ލިބެނީ ކޮމިޓީ އެލަވަންސާއެކު 82،500 ރުފިޔާއެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 58،500 ރުފިޔާއިން 75،500 ރުފިޔާއަަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭކަމުގެ ކަންބޮޑުވުން އޮއްވައި މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ އިގުތިސޯދީ ހާލަތު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ދިވެހި ރައްޔިތުންނަށް ދަތިވާނޭހެން އެތައް ފިޔަވަޅުތަކެއް ސަރުކާރުން އެޅުމަށްފަހު، ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ދިވެހި ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމަކަށް ނުވާ ކަމަށް ވެސް ޒާކިރުގެ ކުއްލިި މައްސަލައިގާ ބުނެފައިވެއެވެ.
އެހެންނަމަވެސް، މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ އެ މަޖިލީހުގައި ކުރިއަށް އޮތް ތަނުގައި ބަހުސްކުރަން ނުޖެހޭ ކަމަކަށް ވާން ޖެހޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ނިންމެވިއެވެ.








