


.jpeg?w=3840&q=75)




.jpg?w=3840&q=75)
ފޮރިން މިނިސްޓްރީ
ފަލަސްތީނުގެ ރައްޔިތުންނާމެދު ލާއިންސާނީ އަމަލުތައް ހިންގަމުން އަންނަ އިސްރާއިލުން، ފަލަސްތީނުގެ ޖޯޑަން ވެލީ ސަރަހައްދުން ބޮޑު ސަރަހައްދެއްގެ ބިން ފޭރިގަތުމަށް ކުރަމުން އަންނަ މަސައްކަތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ހިފާފައިވާ ޖޯޑަން ވެލީގެ 8،000 ދުނަމް (1،977 އޭކަރު) ގެ ބިން ފޭރިގަތުމަށް އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ހިލާފު ކަމެއް ކަމަށާއި މިއީ މެދުއިރުމަތީގެ ސަރަހައްދުގެ މަޝްރަހު ހޫނުވެ ހަމަނުޖެހުން އުފެދުމުގެ ނުރައްކާ އޮތް ކަމެއް ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.
ބަޔާނުގައި ދިވެހި ސަރުކާރުން ވަނީ އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތައް ހިންގަމުން ގެންދާތީ އެކަން ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ނިންމަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައި އެވެ.
ބަޔާނުގައި ދިވެހި ސަރުކާރުން ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމާއި އެކުގައި ކަމަށާއި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގައި ފަލަސްތީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ގާއިމުކޮށް، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ކަނޑައަޅައިގެން ކަމަށް ދިވެހި ސަރުކާރާއި ރައްޔިތުން ގަބޫލުކުރާ ކަމަށް ބުނެފައި އެވެ.



.jpeg?w=3840&q=75)
