


%20(3).jpeg?w=3840&q=75)




އަހާ ފޯރަމްގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވާހަކަފުޅު ދައްކަވަނީ ---
ގަވާއިދާ ހިލާފަށް ބިދޭސީން ރައްޖޭގައި ކުރާ ވިޔަފާރިތައް ހުއްޓުވަން ފުލުުހުންނާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވެފައިވަނީ، ވަޒީރުންނާ ސުވާލުކުރުމަށް މިރޭ ބޭއްވުނު ޕަބްލިކް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ފޯރަމްގައި އާއްމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަ ކަމަށް ފާހަގަކުރެވިފައިވާތީ، އެކަންކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެކަމާއި ގުޅިގެން ފުލުހުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި، ހުއްދަ ނެތް ވިޔަފާރިތައް ހޯދައި އެކަން އިކޮނޮމިކް މިނިސްޓްރީ އަށް އެންގުމަށް އެދިފައިވާނެ ކަމަށެވެ. އެގޮތުން ފުލުހުން އެފަދަތަންތަނުގެ މައުލޫމާތު ހިއްސާކުރުމުން މިނިސްޓްރީން އެ ކަންކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ ފުލުހުންނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާ ގުޅިގެން މި މަސައްކަތް އެކަށީގެންވާ ނަތީޖާއެއް ނެރެވޭ ވަރަށް ކުރިއަށް ގެންދެވޭނެ- މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މާރުކޭޓުގައި ބިދޭސީން ހަރަކާތްތެރިވާ މައްސަލައަކީ އަބަދުވެސް އަންނަ ޝަކުވާއެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ގިނަ ފަހަރަށް އެފަދަ ވިޔަފާރި ރަޖިސްޓްރީކޮށްފައި އޮންނަނީ ދިވެއްސެއްގެ ނަންމަތީގައި ކަމަށާއި ހިންގަން ހަވާލުކުރަނީ ބިދޭސީއަކާ ކަމަށެވެ. އެހެންކަމުން އެފަދަ ވިޔަފާރިތަކަށް ފިޔަވަޅު އެޅުމަށް މިނިސްޓްރީއަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
ލޯކަލް ގަވަނެންސް މިނިސްޓްރީއާ ގުޅިގެން ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވައިލާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.



%20(3).jpeg?w=3840&q=75)
