
https___www.bankofmaldives.com.mv_storage_article_664_7458_1702186679.17021866799275
މުޖުތަމައަށް އެހީވުމަށް ބޭންކުން ކުރާ އިންވެސްޓްމަންޓްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް އިން ޢިމާދުއްދީން ސްކޫލުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ތެރަޕީ ރޫމެއް ގާއިމްކޮށްފިއެވެ.
މި ތެރަޕީ ރޫމް ފަރުމާކޮށްފައިވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެކުދިންގެ ގާބިލްކަން އިތުރުކޮށް، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީވެސް ދިނުމަށް ހާއްސަ ބައެއް ހިމަނައިގެންނެވެ. އަދި މީގެ އިތުރުން 'ސެންސަރީ އެކްޓިވިޓީސް އާއި ކައުންސިލިންގެވެސް މި ތެރަޕީ ރޫމުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލުން ބުނީ ޢިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ 130 އަށް ވުރެ ގިނަ ދަރިވަރުން މި ތެރަޕީ ރޫމް ބޭނުންކުރަމުންދާނެ ކަމަށެވެ.
ބީއެމްއެލުން އަބަދުވެސް އަންނަނީ، ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރާއި އަދި ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރަމުންނެވެ. ތައުލީމީ ދާއިރާ އަކީ ބޭންކުން ހާއްސަކަމެއްދޭ މުހިންމު ދާއިރެއެކެވެ. ފާއިތުވި ހަތަރު އަހަރުގައި ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލަކަށް ސްޕޭޝަލް އެޑިއުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އާލާތްތައް ހިދިޔާކޮށްފައެވެ. ބޭންކުން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮންޕިއުޓަރ ލެބް ތަރައްގީކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
















