
Nasheed| ނަޝީދު
އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި، އެ ޕާޓީ ރޫޅާލައްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށް ހާއްސަކުރެވިގެން އެ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް، ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ނަޝީދު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަމުން އިތުރަށް ނަޝީދު ވިދާޅުވީ، ދިވެހިންނަށް މިއަދު ލިބޭ މިންވަރަށް ވުރެ ރަނގަޅު މިންވަރެއް ލިބޭނެ ހަމަތަކާއި އުސޫލުތަކެއް މި ރާއްޖޭގައި ތައާރަފް ކުރުމުގެ ބޭނުމުގައި ދިވެހިންގެ އުންމީދުތައް އާލާ ކޮށްދޭނެ ތަނަވަސް އުސޫލުތަކެއް ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިރައްޔިތުންގެ ޑިމޮކެރެޓިކް ޕާޓީއޭ ކިޔައި ޕާޓީއެއް ހެއްދެވީ ވެސް އެ ބޭނުންފުޅުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އަކީ ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީއެކެވެ. ނަޝީދު ވަނީ ޑިމޮކްރެޓުން އުފެއްދުމުގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ވަކި ފެކްޝަނެއްގެ ގޮތަށް އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ހިންގުމަށްފަހު އެވެ. އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީން ލިބުނު ނާކާމިޔާބަށް ފަހު ނަޝީދު އަންނަނީ ރައީސް ސޯލިހްއަށް ފާޑުވިދާޅުވަމުންނެވެ.












