
Nasheed| ނަޝީދު
ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އިސްވެ ތިއްބަވައި އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން އަންނަ "ދަ ޑިމޮކްރެޓްސް" އިލެކްޝަންސް ކޮމިޝަނުން މިއަދު ރަޖިސްޓްރީކޮށްދީފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ފުރިހަމަވާން ޖެހޭ އިޖުރާއަތު ފުރިހަމަކޮށްފައިވާތީ، 'ދަ ޑިމޮކްރެޓްސް' ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް އެ ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށެވެ.
އެނިންމުން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޝަންގެ 793 ވަނަ އާންމު ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް ހަބީބް ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. އޭގެ ފަހުން ޑިމޮކްރެޓްސް އިން ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވައި މިދިޔަ އާދިއްތަ ދުވަހު ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅާފަ އެވެ. ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެކްޓްސް އަށް ސޮއިކުރުމަށް ބާއްވާ ޖަލްސާ ބްރާސްފަތި ދުވަހުގެ ރޭ ބެއްވުމަށް ވަނީ ނިންމާފައެވެ.












