
-
ހުޅުމާލޭ ފޭސް 1 އެއްގެ 110ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓެއްގައި ރޭ ދަންވަރު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގޭގައި އުޅޭ ކުޑަކުދިން ހިމެނޭހެން 5 މީހަކަށް އަލިފާނުގެ އެކި ވަރުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދީފި އެވެ.

ރޭ ދަންވަރު 01:10 އެހާކަންހާއިރު ހިނގި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ 01:23 ހާއިރުއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން މި ހާދިސާއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން ބުނީ، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި އޮތް 'ޓޫލް މެލްޓިންގ ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. މި ހާދިސާ ހިނގިއިރު އެ ގޭގައި ޖުމްލަ 7 ދިވެހިން ދިރިއުޅެމުން ދިޔައެވެ. އެއީ 18 އަހަރުން ދަށުގެ 2 ކުޑަ ކުދިންނާއި (އެއް ފިރިހެން ކުއްޖަކާއި އެއް އަންހެން ކުއްޖެއް)، 18 އަހަރުން މަތީގެ 1 އަންހެނެއްގެ އިތުރުން 18 އަހަރުން މަތީގެ 4 ފިރިހެނުންނެވެ.
އޭގެ ތެރެއިން 2 ކުޑަކުދިންނަށާއި 3 ބޮޑެތި މީހުންނަށް އަލިފާނުގެ ސަބަބުން އެކި ވަރުގެ އަނިޔާވެގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެން.ޑީ.އެމް.އޭ އިން އިތުރަށް ބުނިގޮތުގައި، ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން އެކެއްގެ ހާލަތު ސީރިއަސްވެ، އޭނާގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ އަލިފާނުގެ ސަބަބުން ފިހިފައެވެ. އަދި ބާކީ ތިބި 4 މީހުންނަށްވެސް އަލިފާނުގެ ސަބަބުން އެކި ވަރުގެ އަސަރުތައް ކޮށްފައިވާތީ ފަރުވާދީފައިވާ ކަމަށެވެ.
މި ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ވަނީ ބޮޑެތި، އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބި، އިތުރަށް މީހުންނަށް ދިރިނޫޅެވޭ ވަރަށް މުޅި ތަން ވަނީ އެއްކޮށް ހަލާކުވެފައެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އެ އާއިލާގެ 7 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެން.ޑީ.އެމް.އޭ އިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި، ކާބޯތަކެއްޗާއި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު މަސައްކަތްތައް އެންޑީއެމްއޭގެ ޓީމުތަކުން ދަނީ ހަމަޖައްސަމުންނެވެ.
ގުޅުންހުރި

އެޕާޓްމަންޓެއް އަނދާ އަޅިއަށް: ދިވެއްސެއްގެ އަތާ ފައިގެ 12 ޕަސެންޓު ފިހިފައި!

މާލޭގެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި؛ ދުމުގެ އަސަރުކޮށްގެން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ!

ފާއިތުވި ހަފުތާގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން 15 ހާދިސާއަކަށް އެޓެންޑުވި!




