
ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ!
# އެޗްޑީސީ-
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަންޖެހޭ އެންމެހާ މައުލޫމާތުތައް އެޗްޑީސީގެ ވެބްސައިޓުގައި އާންމުކޮށްފިއެވެ.

މިއާއެކު އެޗްޑީސީ ވެގެންދާނީ، ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުގެ ތެރެއިން މި މައުލޫމާތު ހާމަކުރި ފުރަތަމަ ކުންފުންޏަށެވެ.
އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައި ވާގޮތުން، ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ އިސްނެގުމުގެ މަތިން 13 ބާވަތެއްގެ މައުލޫމާތު ހާމަކުރަންޖެހެއެވެ. އޭގެ ތެރޭގައި، އެ އިދާރާއެއްގެ މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި ވާޖިބު އަދި، އެ އިދާރާއެއްގެ އަހަރީ ބަޖެޓާއި ކުރަން ރާވާފައިވާ ހަރަދުތަކާއި، އެ އިދާރާއެއްގެ މުވައްޒަފުންނަށް ވަކިވަކިންދޭ އުޖޫރައިގެ އިތުރުން، އެ އިދާރާއެއްގެ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ ނުވަތަ ޒިންމާކުރުން ރޭވިފައި އޮންނަ ގޮތްތައް ހިމެނެއެވެ.
މިއީ ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަންޖެހޭ މައުލޫމާތަކަށް ވާއިރު، އެޗްޑީސީގެ ރަސްމީ ވެބްސައިޓުގައި މިކަމަށް ހާއްސަ އިންފޮމޭޝަން ޑައިރެކްޓްރީއެއް ގާއިމުކޮށް، އެ ހުރިހާ މައުލޫމާތެއް އާންމުންނަށް ބެލޭނެހެން މިހާރު ވަނީ އާންމުކޮށްފައެވެ. އެޑްސީން ވަނީ މިގޮތަށް މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަށް އެޗްޑީސީ ވެގެން ދިއުމަކީ އެ ކޯޕަރޭޝަނަށް ލިބޭ ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭ މައުލޫމާތުތައް ސަރުކާރުގެ ހުރިހާ މިނިސްޓްރީތައް ފަދަ ވުޒާރާތަކުން މިހާރު ވަނީ އާންމުކޮށްފައެވެ. މިއީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް 2014 ވަނަ އަހަރު އަމަލުކުރަން ފެށި ފަހުން މިގޮތަށް ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރެވެ.
އެޗްޑީސީން ބުނީ އެކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ކުންފުނީގެ ކަންކަން ރާވައި، ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
ގުޅުންހުރި

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ!

އިސޫ އަށް ހަމަލާ ދިން މީހާގެ ބަންދަށް 5 ދުވަސް ޖަހައިފި

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފި




