
-
ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ލުއިފަސޭހަ އަދި ޒަމާނީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތް ވިލިމާލޭގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ވިލިމާލޭގައި ބޭއްވުނު ޚާއްޞަ ހަފްލާއެއްގައި މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްއާއި، އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރު އަޙްމަދު ސަޢުދީގެ އިތުރުން ވުޒާރާއާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށް ތަޢާރަފުކުރުމުގެ މައިގަނޑު މަޤުޞަދަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ، ރައްކާތެރި އަދި ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުމެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ވިލިމާލޭގެ "ގްރީން" މާހައުލާ ގުޅޭގޮތަށް މި ޓެކްސީ ފްލީޓްގައި ހިމެނޭ ހުރިހާ ވެހިކަލްތަކަކީވެސް ތިމާވެއްޓާ ރައްޓެހި، ދުން ނުއުފައްދާ މުޅިން އިލެކްޓްރިކް (އީ.ވީ) ވެހިކަލްތަކެކެވެ.
މި ޚިދުމަތް ހޯދުމަށްޓަކައި ކަސްޓަމަރުން ކާރު ބުކް ކުރަންޖެހެނީ "މާލެ ޓެކްސީ އެޕް" ގެ ޚާއްޞަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
ވިލިމާލޭގައި މިވަގުތަށް ޚިދުމަތަށް ނެރެފައިވަނީ ޖުމުލަ 4 އީވީ ކާރެވެ. އެއީ ޗަންގަން ބްރޭންޑްގެ "ލުމިން" މޮޑެލްގެ 2 ކާރާއި، "އެސް.ޒީރޯ 7" މޮޑެލްގެ 2 ކާރެވެ. މާލެ ޓެކްސީ ލައިންގެ މި ޚިދުމަތް އާންމުންނަށް 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެން ހުންނާނެ ކަމަށާއި، ދަތުރުތަކަށް ފީ ނަގާނީ ޓްރާންސްޕޯޓް މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅާފައިވާ އަގުތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ޚިދުމަތުގެ ފެންވަރު މަތިކޮށް، ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މި ޓެކްސީ ލައިންގައި މަސައްކަތްކުރާ ހުރިހާ ޑްރައިވަރުންނަކީ ޚާއްޞަ އިންޓަވިއުއަކުން ހޮވައި، ކަސްޓަމަރުންނާ މުއާމަލާތްކުރާނެ ރީތި އަދަބުތަކާއި ފަންނީ ތަމްރީނުތައް ފުރިހަމަކޮށްފައިވާ ބައެކެވެ. މީގެ އިތުރުން، ކަސްޓަމަރުންނަށް ދިމާވާ އެކި މައްސަލަތަކާއި އެހީތެރިކަމަށް ޚާއްޞަކޮށްގެން "1655" ގެ ނަމުގައި ހޮޓްލައިން ނަންބަރެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ހޮޓްލައިނަށް ގުޅުމުން ކަސްޓަމަރުން ބޭނުންވާ ކޮންމެ އެހީތެރިކަމެއް ވަގުތުން ލިބިގެންދާނެއެވެ.





