
-
އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ މެމްބަރު އަލްހާން ފަހުމީ ވާދަކުރައްވަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އަލްހާން ފަހުމީ ވިދާޅުވީ އެމްޑީޕީ އަލުން އަނބުރާ ޑިމޮކްރަސީގެ މަގަށް އަމާޒު ހިފަންޖެހޭ ކަމަށާއި ޕާޓީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
އަލްހާން އެންމެ ފުރަތަމަ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީ އިންނެވެ. ނަމަވެސް ފަހުން އަލްހާން އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގައި ވެސް މަސައްކަތް ކުރެއްވިއެވެ. އެމްޑީޕީއިން އަލްހާން މީގެ ކުރީން ވަކިކުރި އެވެ. އެގޮތުން އެފަހަރު އެމްޑީޕީން އަލްހާން ވަކިކުރީ ޕާޓީގެ މަސްލަހަތަށާއި ޕާޓީއަށް ގެއްލުން ލިބޭ ގޮތަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެއެވެ.
ނަމަވެސް 2023 ވަނަ އަހަރު އޭރުގެ ރިޔާސީ އިންތިހާބާއި ދާދި ގާތްވެފައިވަނިކޮށް އަލްހާން ވަނީ އަލުން އެމްޑީޕީއާއި ގުޅިފައި އެވެ.
އަލްހާން ވަނީ މީގެ ކުރީން އެޕާޓީގެ ނައިބު ރައީސްކަންވެސް ކުރައްވާފައި އެވެ.
ކުރިޔަށް އޮތް އެމްޑީޕީގެ އެތެރޭގައި އިންތިހާބުގައި ޕާޓީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަން ނިންމަވައި އެކަން އަދި މިހާތަނަށް އިއުލާނުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މެމްބަރު މީކާއިލް ނަސީމްގެ އިތުރުން ހުސެއިން އަމުރު އެވެ.






