
-
ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން "ދަތިވެއްޖެ" ނަމުގައި މިރޭ މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
މި މުޒާހަރާ ފެށުމަށް އެމްޑީޕީން ހަމަޖައްސާފައިވަނީ މިރޭ 20:30 ގައި މަޖީދީ މަގު، ސޯޝަލް ސެންޓަރު ކުރިމަތިންނެވެ.
މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އިހުސާން ވިދާޅުވީ އެމްޑީޕީން މަޖީދީ މަގުން މުޒާހަރާ ކުރަން ހުށަހަޅާފައިވާ ގަޑިއަކީ ބާރުބޮޑު ގަޑިއަކަށްވާތީ އެ ގަޑީގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އެމްޑީޕީން އެދިފައިވަނީ ހުކުރު ވިލޭރޭގެ ވަގުތެއްގައި ކަމަށްވުމުން، އާންމު ގޮތެއްގައި ކާރޫބާރު ވަރަށް ބޮޑުކޮށް އޮންނަ ގަޑިއަކަށްވާތީ އެ ގަޑީގައި އެތަނަށް ނުދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މުޒާހަރާކޮށް ޝުއޫރު ފާޅުކުރުމަށް ފުޅާކޮށްފައި އޮތް މަގުތައް ބޭނުންކުރެއްވުމަށް އިހުސާން އެދިވަޑައިގެންނެވިއެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ މުޒާހަރާއަށް މިހާރު ހުއްދަ ދީފައިވަނީ ބޭރުމަގުން އާޓިފިޝަލް ބީޗުން ފެށިގެން ގާތްގަނޑަކަށް ކަޅުތުއްކަލާ ކޮއްޓާ ހިސާބަށް ކަމަށެވެ.
ނަމަވެސް އެމްޑީޕީން ބުނެފައިވަނީ، މަޖީދީ މަގުން މުޒާހަރާ ކުރިއަށްގެންދަން އެދުނީ ގިނަ ގެތައް މަޖީދީ މަގު ސަރަހައްދުގައި ހުންނާތީ، ގިނަ އަދަދެއްގެ ރައްޔިތުންނާ ހިސާބަށް އަޑު ފޯރާވަރަށް ޝުއޫރު ފާޅުކުރުމުގެ ބޭނުމުގައި ކަމަށެވެ.
















