
-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ސައްވީސްވަނަ ރެސިޕީއެއްގެ ގޮތުގައި ލެމަން އެސްޕަރަގަސް ޕާސްތާ އެވެ.
ބޭނުންވާ ތަކެތި:
- ޕާސްތާ
- 1 އެސްޕަރަގަސް (ކުދިކޮށް ކޮށާފައި)
- 3 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
- 1 ފިޔާ (ކުދިކޮށް ކޮށާފައި)
- 2 ލޮނުމެދު (ތުނިކޮށް ކޮށާފައި)
- 1/2 ޖޯޑު ހެވީ ކްރީމް
- 1 ލުނބޯ (ޒެސްޓް އަދި ޖޫސް)
- 1 ސައި ސަމުސާ ލޮނު
- 1/2 ޖޯޑު ޕާމެސަން (ގާނާފައި)
- 1/2 ސައި ސަމުސާ އަސޭމިރުސް (މުގުރާފައި)
- 1/4 ޖޯޑު ޕާސްލީ (ކޮށާފައި)
- 1/2 ސައި ސަމުސާ ރަތް ޕެޕަރ ފްލޭކްސް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ޕާސްތާ މަޑުކޮށްލާށެވެ. އަދި 1/2 ޖޯޑު ޕާސްތާ ފެން ފަހަށް ރިޒާވް ކުރުމަށްފަހު ޕާސްތާ އެއްފަރާތް ކޮށްލާށެވެ. ދެން ތެއްޔެއްގައި 1 މޭޒުމަތީ ސަމުސާ ތެޔޮ އެޅުމަށްފަހު އެސްޕަރަގަސް މުރަނަ ވަންދެން ކައްކާލުމަށް ފަހު ލޮނު ކޮޅެއް އަޅާށެވެ. އެއަށްފަހު ތައްޓަކަށް އެޅުމަށްފަހު އެއްފަރާތް ކޮށްލާށެވެ. އަދި ބާކީ ހުރި ތެޔޮ އެތެއްޔައް އެޅުމަށްފަހު ހޫނުވުމުން ފިޔާ އަދި ލޮނުމެދު މަޑު ވަންދެން ކައްކާލާށެވެ. ދެން އެއަށް ހެވީ ކްރީމް، ލުނބޯ ޖޫސް އަދި ޒެސްޓް އަޅާފައި 5 ވަރަކަށް މިނިޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު ލޮނު، ޕާމެސަން އަދި އަސޭމިރުސް އަޅާށެވެ. އަދި ގިނި މަޑުކޮށްލާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ކައްކާލާށެވެ.
ދެން އުދުން ނިވާލުމަށްފަހު ސޯސްގަޑު ތެރެއަށް ޕާސްތާ، އެސްޕަރަގަސް އަދި ޕާސްލީ އަޅާފައި އެއްކޮށްލާށެވެ. ސޯސްގަޑު ދިޔާ ކުރަން ބޭނުންވާވަރަށް ކުރިން ނަގާފައި ހުރި ޕާސްތާ ފެން އަޅާށެވެ. ދެން މައްޗަށް އިތުރު ގްރޭޓެޑް ޕާމެސަން، އަސޭމިރުސް އަދި ރެޑް ޕެޕަރ ފްލޭކްސް އަޅާފައި ސާވް ކޮށްލާށެވެ.
މިހާރު މިހިރީ މި ޕާސްތާ ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ވެސް ރޯދަ ވީއްލާގަޑީއަށް ތައްޔާރުކޮށްލަން ވަރަށް މީރުވާނެ ރެސެޕީއަކަށް ވާނެކަމަށް ހީކުރަމެވެ.

.gif&w=3840&q=75)






