
ތަފާތުބޮޑު ނަތީޖާއަކުނަ އެމްއެފް ޔުނައިޓެޑް ބަލިކޮށް ރަސްގެދަރަ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
# ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 # ދިވެހި ކުޅިވަރުރަސްގެދަރަ އާއި އެމްއެފް ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ހާޒިމް / ގާފު ސްޕޯޓްސް
މިހާރު ކުރިއަށް ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް ބީގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ރަސްގެދަރަ އާއި މަރަދޫ ފޭދޫ ޔުނައިޓެޑް (އެމްއެފް ޔުނައިޓެޑް) ވާދަކުރި މެޗު ފަސޭހަކަމާއެކު 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ބާކީ އެއްމެޗު އޮއްވައި ރަސްގެދަރަ އިން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ރަސްގެދަރަ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ޒެލޯން އަތުން މޮޅުވެފައިވާއިރު، އެމްއެފް ޔުނައިޓެޑްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 5-0 ގެ ނަތީޖާއަކުން ހިތަދޫ ޕޮލިސް ރެކްރިއޭޝަން ކުލަބު ބަލިކޮށްފައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ރަސްގެދަރަ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ރަސްގެދަރަ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރަސްގެދަރަ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެމްއެފް ޔުނައިޓެޑުން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ރަސްގެދަރަގެ އިބްރާހިމް ޒާހީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ހަސަން މުފީދު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ހަސަން މިފްރާހް އަދި އަޔާޒް އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، އެމްއެފް ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ނިޒާމް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރަސްގެދަރަގެ އިބްރާހިމް ޒާހީ އެވެ.
މިނަތިޖާއެކު ކުޅުނު ދެމެޗުން ރަސްގެދަރައަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެމްއެފް ޔުނައިޓެޑް ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.
18 މާރިޗު 2025 އިން 30 މާރިޗު 2025 ގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، އެހެނިހެން އިނާމުތަކާއެކު މުބާރާތުގެ ޖުމްލަ އިނާމު ފައިސާގެ އަދަދު 1،00،000 ރުފިޔާއަށްވުރެ ގިނައެވެ.
މީގެ އިތުރުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި އެންމެ މަޤްބޫލް ސައިކަލް ބްރޭންޑް ކަމުގައިވާ ޖަޕާނުގެ މަޝްހޫރު ހޮންޑާ ކުންފުނީގެ އޮތޮރައިޒްޑް ޑިސްްޓްރިބިއުޓާރ ޝީޝާ އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ގެ ގުރުލުން ބާއްވައިފި

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖުގައި މިއަހަރު 32 ޓީމު ބައިވެރިވެއްޖެ
އައިއެޗްއެފް ޓްރޮފީ ވުމެންސް ޒޯން 3 ގެ ރެފްރީންގެ ގޮތުގައި ރައްފު އަދި ޝިޒޫ
