







ވިނަރެސް ފްލެޓް ކައިރީ އެކްސިޑެންޓެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް 2، ހިތިގަސް މަގު، ވިނަރެސް 5 ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު 2026 ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރޭ 23:05 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ދެ ސައިކަލު ދުއްވަން ތިބި މީހުންނާއި ފަހަތުގައި ތިބި ޖުމްލަ ހަތަރު މީހަކަށް އަނިޔާ ވެފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ފަހަކަށް އައިސް ހުޅުމާލޭގައި އެކްސިޑެންޓުތައް ހިނގާ އަދަދު ދަނީ އިތުރުވަމުންނެވެ. ހާއްސަކޮށް ހުޅުމާލެ ވިނަރެސް ފްލެޓު ސަރަހައްދުގައި އެކްސިޑެންޓު ހިނގާ އަދަދު ދަނީ ގިނަވަމުންނެވެ. މިކަމަށް ހައްލެއް ހޯދުމަށް ފުލުހުންނާ، އެޗްޑީސީ އަދި ކަމާގުޅުންހުރި އިދާރާތަކުން ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.







