logoEN
Sto top
ވެމްކޯ ބަލިކޮށް އެފްސީ ހަބޭސް އިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި

ވެމްކޯ ބަލިކޮށް އެފްސީ ހަބޭސް އިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

3/12/2025, 11:31:16 PM

# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025# ދިވެހި ކުޅިވަރު

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެފްސީ ހަބޭސްގެ އިބްރާހިމް މުބީން އަހުމަދު ރަޝީދު

މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް ބީގައި، ބުދަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ކުލަބު ވެމްކޯ އާއި އެފްސީ ހަބޭސް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެފްސީ ހަބޭސް އިން ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑުކޮއްފިއެވެ.

Wamco

މުބާރާތުގައި ވެމްކޯ ކުޅުނު ފުރަތަމަ މެޗުގައި އޯޓީއެފް އެސްސީ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، އެފްސީ ހަބޭސްގެ ފުރަތަމަ މެޗުގައި ކުލަބު އެސްސީ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައެވެ.

މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެން އުޅެމިކޮށް އެފްސީ ހަބޭސްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުއްﷲ އިމްރާން އެވެ.

މިލަނޑާއެކު 1-0 ގެ ނަތީޖާއަކުން އެފްސީ ހަބޭސް މޮޅުވިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އިބްރާހިމް މުބީން އަހުމަދު ރަޝީދު އެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން އެފްސީ ހަބޭސްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ކުލަބު ވެމްކޯ އިން ކުޅުނު ދެމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside