ފަހަތުން އަރައި ވެސްޓްހަމް ބަލިކޮށް ޗެލްސީ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފި
ހަސަން ޝަމްއޫން
2/4/2025, 1:23:13 AM
ޗެލްސީ އާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ވެސްޓްހަމް އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ޗެންޕިއަން މެންޗެސްޓާ ސިޓީ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ވެސްޓްހަމް އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަންވިލާ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސްޓްހަމް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޖެރާޑް ބޮއެން އެވެ. މިއީ ޗެލްސީގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ލިބުނު ހުސް ފުރުަސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން ވެސްޓްހަމް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ޕެޑްރޯ ނެޓޯ އެވެ.
ޗެލްސީ އިން މެޗުގެ ލީޑުހޯދީ ފަހުހާފުގެ 74 ވަނަ މިނެޓުގައެވެ. މިލަނޑަކީ އެޓީމު މިޑްފީލްޑަރު ކޯލް ޕާމާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ވެސްޓްހަމްގެ ޑިފެންޑަރު ވެން ބިސާކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 24 މެޗުން ޗެލްސީއަށް 43 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ވެސްޓްހަމަށް 24 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 15 ވަނައިގައެވެ