ޗެންޕިއަންސް ލީގު ޕްލޭއޮފްގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހިއްޖެ
ހަސަން ޝަމްއޫން
1/31/2025, 11:32:48 AM
ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީ
ޔުއެފާ ޗެންޕިއަންސް ލީގު ޕްލޭއޮފްގައި އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑާއި ޕްރެމިއާ ލީގު ޗެންޕިއަން މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ލީގުބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ، އަނެއް ތިން މެޗުން ރެއާލް މެޑްރިޑް ބަލިވެފައިވާއިރު، އެޓީމުން ލީގުބުރު ނިންމާލީ 15 ޕޮއިންޓާއެކު ލީގު ތާވަލުގެ 11 ވަނައިގައެވެ. އަދި މުބާރާތުގެ ލީގުބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ދެމެޗުން އެއްވަރު އަނެއް ތިން މެޗުން ބަލިވެފައިވާއިރު، މެންޗެސްޓާ ސިޓީ އިން ލީގު ބުރު ނިންމާލީ 11 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ 12 ވަނައިގައެވެ.
މީގެ އިތުރުން މިއީ ޗެންޕިއަންސް ލީގުގެ ނޮކްއަޓް ބުރުގައި މިދެޓީމު ޖެހިޖެހިގެން ވާދަކުރާ ހަތަރުވަނަ އަހަރެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިދެޓީމު ވާދަކޮށް ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ.
މުބާރާތުގެ ޕްލޭއޮފް ފުރަތަމަ ލެގުގެ މެޗު ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ އެވެ.
މީގެ އިތުރުން ޕްލޭއޮފް ބުރުގައި ކްލަބް ބްރޫޖް އާއި އެޓަލާންޓާ ވާދަކުރާއިރު، ސްޕޯޓިން ލިސްބަން ނުކުންނާނީ އެންމެ ފަހުގެ ރަނަރަޕް ބޮރޫޝިއާ ޑޯޓްމަންޑް އާއި ދެކޮޅަށެވެ. އަދި ސެލްޓިކް އާއި ބަޔާން މިއުނިކް ވާދަކުރާއިރު، ޔުވެންޓަސް ނުކުންނާނީ ޕީއެސްވީ އެއިންދޯވަން އާއި ދެކޮޅަށެވެ. އަދި ފެޔެނޫޑް އާއި އޭސީ މިލާން ވާދަކުރާއިރު، ބްރެސްޓް ނުކުންނާނީ ޕީއެސްޖީ އާއި ދެކޮޅަށެވެ. އަދި ޕްލޭއޮފްގެ ފަހު މެޗުގައި މޮނާކޯ ނުކުންނާނީ ބެންފީކާ އެވެ.