ބްރެސްޓް އަތުން މޮޅުވި ނަމަވެސް ރެއާލް މެޑްރިޑަށް ޕްލޭއޮފް ކުޅެންޖެހިއްޖެ
ހަސަން ޝަމްއޫން
1/30/2025, 5:00:02 AM
ރެއާލް މެޑްރިޑާއި ބްރެސްޓް ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެންޕިއަންސް ލީގު ލީގުބުރުގެ ފަހު މެޗުގައި ފްރާންސް ބްރެސްޓް އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑަށް މުބާރާތުގެ ރައުންޑް އޮފް 16 ގައި ވާދަކުރުމަށް ޕްލޭއޮފް ކުޅެންޖެހިއްޖެއެވެ.
ޗެންޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ސަލްޒްބާގް އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ބްރެސްޓް އެންމެ ފަހުން ކުޅުނު މެޗިގައި ޝަކްތާ ޑޮނެކްސް އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ނަލިވެފައެވެ.
ބްރެސްޓްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ލިބުނު ފުރުސަތެއްގައި ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލް ފޯވާޑް ރޮޑްރިގޯ އެވެ.
ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ރޮޑްރީގޯއެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު އަށް މެޗުން ރެއާލް މެޑްރިޑަށް 15 ޕޮއިންޓާއެކު ލީގުބުރުގެ 11 ވަނަ ލިބުނުއިރު، މިމެޗުން ބަލިވި ބްރެސްޓަށް އަށް މެޗުން ލިބުނު 13 ޕޮއިންޓާއެކު ލީގުބުރުގެ 18 ވަނަ ޓީމުގެ ގޮތުގައި އެޓީމަށް ވެސް ވަނީ ޕްލޭއޮފްގެ ފުރުސަތު ލިބިފައެވެ.
ޗެންޕިއަންސް ލީގުގެ ފޯމެޓަށް މިސީޒަނުން ފެށިގެން ގެނެވުނު ބަދަލާއެކު މި މުބާރާތުގައި ޖުމްލަ 36 ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ލީގު އުސޫލުންނެވެ. އެގޮތުން ކޮންމެ ޓީމަކުން ވެސް ޖުމްލަ އަށް މެޗު ކުޅެފައިވާއިރު، ލީގުބުރުގެ ގަދަ އަށް ޓީމަށް މުބާރާތުގެ ރައުންޓް އޮފް 16 ފުރުސަތު ވަނީ ޔަގީން ވެފައެވެ.
މީގެ އިތުރުން ރައުންޑް އޮފް 16 ގެ ބާކީ އަށް ޖާގަ ލިބިގެންދާނީ ލީގުބުރުގެ ނުވަ ވަނައިން ފެށިގެން 24 ވަނައާއި ދެމެދު ކުޅެވޭ ޕްލޭއޮފް މެޗުތަކުން ކުރިހޯދާ އަށް ޓީމަށެވެ.