
ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ
# ހުތުބާ--
ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ އެކަމުގެ ސަބަބުން ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ޚާއްސަކޮށްފައިވަނީ ކީރިތި ޤުރްއާނުގެ އަހުލުވެރިންގެ އަދަބުތަކުގެ މައްޗަށެވެ.
އެގޮތުން ކީރިތި ޤުރްއާނަކީ މާތް الله އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ޤާނޫނު ކަމަށާއި މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖު ކަން ހުތުބާގައި ވަނީ ހަދާންކޮށްދީފައި އެވެ. އަދި މުސްލިމުން ކީރިތި ޤުރްއާން ކިޔަވައި، އެފޮތާ އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަންކުރަން ޖެހޭކަން ހުތުބާގައި ވަނީ ފާހަގަކޮށްފައި އެވެ.
ހުތުބާގައި އިތުރަށް ބުނީ ދަރީންނަށް ކީރިތި ޤުރްއާން އުނގަންނައިދޭން ޖެހޭ ކަމަށާއި އެކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނުގެ ލޯބި އަށަގަންނުވައި، އެފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދީ ކީރިތި ޤުރްއާނަށް އިޙްތިރާމްކުރަން ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތިުން الله تَعَالَى ވަޙީކުރައްވައިފައިވާ ހަދީޘެއްގެ މާނާގައިވެއެވެ. : "ހަމަކަށަވަރުން، އެ ޤުރްއާނަކީ، ޢާލަމުތަކުގެ ވެރި ރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރްއާނައިގެން ފައިބައިވަޑައިގަތީ، ޖިބްރީލުގެފާނެވެ. އެއީ (މީސްތަކުންނަށް) އިންޒާރު ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ."
ކީރިތި ޤުރްއާނަކީ ބަލާޣާތްތެރިކަމާއި ފަޞާޙަތްތެރިކަމުގައި ވެސް މުޢުޖިޒާތެއް ކަމަށާއި ޖާހިލީ ޒަމާނުގައި ޢަރަބީންގެ ތެރޭގައި އުޅުނު އެންމެ ފަޞާޙަތްތެރީން ވެސް ވަނީ އެފަދަ ޤުރްއާނެއް ގެނައުމަށް ނުކުޅެދިފަވާކަން ހުތުބާގައި ވަނީ ފާހަގަކޮށްފައި އެވެ. އެކަމަށް އިޝާރަތްކުރައްވައި الله تَعَالَى ވަޙީކުރައްވައިފައިވާ ހަދީޘެއްގެ މާނާގައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރްއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ."
ހުތުބާގައި އިތުރަށް ބުނީ ކީރިތި ޤުރްއާން ބާވައިލެއްވީ الله تَعَالَى އެފޮތުގެ ކުރިން ބާވައިލެއްވި ހުރިހައި ފޮތްތަކެއް ތެދުކުރަނިވި އަދި އެ ފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއްގެ ގޮތުގައި ކަމަށެވެ.
އަދި މިއަދުގެ މުޖުތަމައުގައި ކީރިތި ޤުރްއާން ކިޔަވައި ތިލާވަތު ކުރުމާއި، އެ ފޮތަށް ޢަމަލުކުރުން އުނދަގޫ ކަމަކަށްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކު ދީނާ ދުރުވެފައިވާ ކަން ހުތުބާގައި ވަނީ ފާހަގަކޮށްފައި އެވެ. މިކަމުގެ ސަބަބުން ޣައިރު މުސްލިމުންގެ ކުރިމަތީގައި މުސްލިމުން ނިކަމެތިވެފައިވާކަމަށްވެސް ހުތުބާގައި ބުންޏެވެ.
ކީރިތި ޤުރްއާނަކީ އަހުރެމެން މުސްލިމުންގެ ހިތާއި ފުރާނައާއި ޟަމީރުގެ ކާނާ ކަމަށާއި އަދި ޤުރްއާނަކީ ބަލިތަކަށް އޮތް ޝިފާކަންވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފައި އެވެ.
ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާނަށް ޢަމަލުކުރުމަކީ، އަހުރެމެންގެ މައްޗަށް ވާޖިބު ކަމަކަށްވީ ހިނދު، ޤުރްއާނުން މީހާ ޒީނަތްތެރިވުމަކީ ވެސް ވާޖިބު ކަމެއްކަމަށާއި އެގޮތުން ތިމާގެ އެތެރެފުށާއި ބޭރުފުށުގެ ޠާހިރުކަމަކީ އެންމެ ފުރަތަމަ ޒީނަތް ކަމަށް ހުތުބާގައި ބުންޏެވެ. އަދި ދެވަނަ ޒީނަތަކީ ﷲއަށް ބިރުވެތިވުމުގައި ތިމާގެ ނަފުސު ޒީނަތްތެރިކުރުން ކަމަށާއި ތިންވަނަ ޒީނަތަކީ އެފޮތުގައިވާ އެންމެހައި ކަމެއް ތެދުކުރުން ކަމަށް ހުތުބާގައި ވަނީ ބުނެފައި އެވެ.
"ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް އީމާންކަމާއި އިސްލާމްކަމުގެ ރުކުންތައް ތެދުކޮށް ޤަބޫލުކުރާނަމަ، ތިމާގެ ޢަމަލާއި ބަސް ދިމާވާން ޖެހޭނެ" ހުތުބާގައި ބުންޏެވެ.
ޤުރްއާނުން ޒީނަތްތެރިވުމުގައި ހަތަރުވަނަ ޒީނަތަކީ މަޑުމައިތިރިވުމާއި ކެތްތެރިވުންކަންވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައި އެވެ. އެގޮތުން ކެތްތެރިވުމާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ވަރަށް ގިނަ އާޔަތް އައިސްފައިވުމުން އެނގެނީ އެކަމުގެ މުހިއްމުކަން ކަމަށާއި އަދި ކެތްތެރިވުމުގެ ފޭރާމުން ފޭރާން އެޅުމަކީ، ކީރިތި ޤުރްއާން ޤަބޫލުކުރާ ކޮންމެ މީހަކު، ކުރަންޖެހޭނެ ކަމެއްކަމެއްކަންވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ އެކަމުގެ ސަބަބުން ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެކަމެއް ކަމަށާއި އެއީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައި އެވެ.
ގުޅުންހުރި
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ

ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ
