ބޭރު ފައިސާގެ ގާނޫނާއި އެކު އެންމެ ފައިދާ ކުރާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް - ރައީސް
އަހުމަދު ޝުރާއު
11/27/2024, 8:52:30 AM
--
މަރުކަޒީ ބޭންކު, އެމްއެމްއޭއިން އިއްޔެ އާންމު ކުރި ބޭރު ފައިސާއާއި ބެހޭ ބިލުގެ ޑްރާފްޓަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެމްއެމްއޭއަށް މަރުހަބާ ދަންނަވައިފި އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއި ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމަށްޓަކައި އެމްއެމްއޭއަށް ޝުކުރުދަންނަވާ ކަމަށެވެ.
އަދި އަދި 17 ނޮވެމްބަރ 2024 ގައި އެމަނިކުފާނު ދެންނެވި ފަދައިން ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން މި ޤާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ ކަމަށާއި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާ ތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު ޢާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ޑޮލަރު ދައުރުވާ މިންވަރު ރަނގަޅު ވެގެންދިޔުމުން ގެންނަވަން ނިންމަވާފައިވާ ބައެއް ބަދަލުތައް ރައީސް ވަނީ ޕޯސްޓުގައި ހާމަކުރައްވާފައި އެވެ.
ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުން ( 2025 ޖުލައި މަހުން ފެށިގެން )
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ހެދުން ( 2026 ގެ ފުރަތަމަ ކުއާޓަރ )
ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުން ( 2026 ގެ ފުރަތަމަ ކުއާޓަރ)
ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން ( 2025 ޖުލައި މަހުން ފެށިގެން )ރައީސް ވަނީ ޢާއްމު ރައްޔިތުންނަަށް ފައިދާ ހުރި މިފަދަ ކޮންމެ ކަމެއް ކުރުމަށް ސަރުކާރުން މި ކުރާ މަސައްކަތަށް ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައި އެވެ.