








އެފްސީ ރެޑް ވިންގްސް އާއި ބިގް ވިންސް އެފްސީ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ދިރާގު ހަތަރުވަނަ ރެޕްސް ފުޓްސަލް ކަޕް 2026 ގުރޫޕް އޭގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި އެފްސީ ރެޑް ވިންގްސް އާއި ބިގް ވިން އެފްސީ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެޑް ވިންގްސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު. ރެޑް ވިންގް އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ހުނައިފް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެޑް ވިންގްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ރެޑް ވިންގްސް އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ހުނައިފް އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެޑް ވިންގްސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑް ވިންގްސްގެ ދެލަނޑު ވެސް ކާމިޔާބުކޮށްދިން އަހުމަދު ހުނައިފް އެވެ.
25 ސެޕްޓެންބަރު 2026 އިން 07 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު 12 ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމާއެކު ތިން ގުރޫޕުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭގޮތަށެވެ.








