ފަސޭހަކަމާއެކު ޔުނިޓީއިން ފިއޮންޓީ ބަލިކޮށްފި
އަހުމަދު މާހު
10/30/2024, 11:55:32 AM
ޔުނިޓީ އާއި ފިއޮންޓީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ފަހެއްގައި ފިއޮންޓީ އާއި ޔުނިޓީ ކުޅުނު މެޗު ފަސޭހަކަމާއެކު 6-30 ގެ ނަތީޖާއަކުން ޔުނިޓީ ކާމިޔާބުކޮށްފިއެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޔުނިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 11 ލަނޑުގެ ލީޑަކާއެކު 3-14 ގެ ނަތީޖާއަކުން ޔުނިޓ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 16 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ފިއޮންޓީ އަށް ކާމިޔާބުކުރެވުނީ އެންމެ ތިން ލަނޑެވެ.
އެގޮތުން މިމެޗުގައި ޔުނިޓީގެ މަރިޔަމް ޔާނާ ނާސިހު އަށް ލަނޑު ކާމިޔާބުކުރިއިރު, އެ ޓީމުގެ އާމިނަތު ސަދާ އިބްރާހިމް ވަނީ ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމުގެ ފާތިމަތު ލީމް ރިޝާދު ފަސް ލަނޑު ކާމިޔާބުކުރިއިރު, އެޓީމުގެ އާމިނަތު ނާޒްނީ, ފާތިމަތް އަމާނީ އަހުމަދު ޝިޔާމް, އައިޝަތު ހުޝާމާ ހުސައިން, މަރިޔަމް އިޝްފާ އަބްދުލް އަލީމް މިއިން ކޮންމެ ކުޅުންތެރިޔަކު ވަނިީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އެ ޓީމުގެ ބާކީ ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ފާތިމަތު ލިއުޝާ އަދި ހައްވާ މުޝީރާ މުހައްމަދު އެވެ.
މީގެ އިތުރުން މިމެޗުގައި ފިއޮންޓީގެ އާމިނަތު ޒީނާ ފަސް ލަނޑު ކާމިޔާބުކޮށްދިން އިރު އެ ޓީމުގެ ބާކީ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އާމިނަތު އަޒްމާ މޫސާއެވެ. އަދި މި މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ޔުނިޓީގެ މަރިޔަމް ޔާނާ ނާސިހު އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.