logoEN
Sto top
ބޮއްކުރާއިން ގަސްދޮށު މޮޅުވިޔަނުދީ ހިފަހައްޓައިފި

ބޮއްކުރާއިން ގަސްދޮށު މޮޅުވިޔަނުދީ ހިފަހައްޓައިފި

ހަސަން ޝަމްއޫން

logo

10/30/2024, 4:00:00 PM

# ދިވެހި ކުޅިވަރު # ގައްދޫ ކައުންސިލުން ފުޓްސަލް ޗެލެންޖު 2024

ބޮއްކުރާއި ގަސްދޮށު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ހުސެއިން އަހުމަދު/ ގާފު ސްޕޯޓްސް

މިހާރު ކުރިއަށްދާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް " ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ފިރިހެން ޑިވިޝަނުގައި މިރޭ ބޮއްކުރާއި ގަސްދޮށު ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 1-1ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.

Wamco

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ގަސްދޮށުންނެވެ. ފުރަތަމަ ހާފުގެ 15ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުނަފް ރަޝީދު އެވެ. ނަމަވެސް ޖެހިގެންއައި މިނެޓުގައި ބޮއްކުރާއިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.

މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ސަނޫން އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެޓީމުކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއްފެނިގެން ދިޔައިރު, ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެން ދިޔައީ ދެޓީމުކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގަސްދޮށު ސްޕޯޓްސް ކުލަބުގެ އިބްރާހިމް ސިނާހު އެވެ.

މި ނަތީޖާއާއެކު ކުޅުނު ފަސް މެޗުން ގަސްދޮށު ސްޕޯޓްސް ކުލަބަށް 11 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ކުޅުނު ފަސް މެޗުން ބޮއްކުރާއަށް އަށް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ.

މިއަހަރުގެ މުބާރާތުގެ ސީނިއަރ ފިރިހެން ޑިވިޝަނުގައި ހަތް ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގުއުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ. އަދި ސެމީ ފައިނަލުން ބަލިވާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

25 އޮކްޓޯބަރު 2024 އިން 03 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside