ރަށުން ބޭރުގައި ކޯޕަންހޭގަން އަތުން ޗެންޕިއަން ސިޓީއަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
2/14/2024, 1:00:00 AM
ކޯޕަންހޭގަން ކޮޅަށް ލަނޑުޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި ކޮޯޕަންހޭގަން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 3-1 ގެ ނަތީޖާއަކުން ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ކާމިޔާބުކޮށްފި އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ސިޓީ އިން މެޗު ޑޮމިނޭޓުކުރި އިރު، މެޗު ފެށިގެން 10 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ކޯޕަންހޭގަން އިން ފުރަތަަމަ ހާފުގައި ސިޓީގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާގައި އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗު 34 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެންމާކްގެ ފޯވާޑް މެގްނަސް މެޓްސްސަން އެވެ. ނަމަވެސް ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީގެ ޕޯޗުގަލް މިޑްފިލްޑަރު ބެނާޑޯ ސިލްވާ ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
މިއީ އެޓީމުގެ މިޑްފިލްޑަރު ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ މެންޗެސްޓާ ސިޓީ އިންނެވެ. އަދި މިހާފުގައި އެޓީމުގެ މިޑްފިލްޑަރު ޑިބްރޭނާގެ އިތުރުން ފޯވާޑް އެރްލިންގް ހާލަންޑް އަށް ވަނީ އެޓީމުގެ ލީޑު ފުޅާކުރުމަށް ވަރަށް ހުސް ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ.
ސިޓީ އިން މިމެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން އެވެ. މިއީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ މިޑްފިލްޑަރު ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިދެޓީމު މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު ސިޓީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 7 ވަނަ ދުވަހުއެވެ.