
yaameen
ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭން ޖަލްސާއެއް ބޭއްވުމަށް އެ ކޯލިޝަނުން ތައްޔާރުވެއްޖެ އެވެ.
ރައީސް ޔާމީންގެ ކެމްޕޭން ޓީމުން ބާއްވާ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:45 ގައި މާލޭ ރެހެންދި ހިނގުން (ޓީވީ މޯލްޑިވްސްގެ އިރަށް އޮންނަ މަގު) ގައެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވަނީ ޑިސެމްބަރުމަހު 25ވަނަ ދުވަހުގައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައީސް ޔާމިންގެ މައްޗަށް ސާބިތުވި މި ދެކުށަށް ދައުލަތުން އެދިފައިވަނީ 19 އަހަރުގެ ޖަލު ހުކުމަކަށެވެ. އެއީ ރިޝްވަތުގެ ކުށުގައި 8 އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މަނީ ލޯންޑްރިން މައްސަލައިގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ އިން) ޖޫރިމަނާކޮށް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.
11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވި ނަމަވެސް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ބުނަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް ރައީސް ޔާމީން ކަމަށެވެ.












