
yameen
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުމެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މާދަމާ ހެނދުނު 9:00 އަށް އެމައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައިވާއިރު، ހެކިން ހާޒިރު ނުކުރެވުމާއި ގުޅިގެން އިއްޔެއަށް ތާވަލު ކުރި އަޑުއެހުން ވެސް ވަނީ ކެންސަލް ވެފައެވެ.
ފުއްގިރި މައްސަލައިގެ މިހާރު ކުރިޔަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މިގޮތުން އެންމެފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގާފައިވަނީ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ އެވެ. އޭނާއަކީ ފުއްގިރި ކުއްޔަށް ނެގުމުގައި ދުބާއީ ކުންފުނީގެ ރާއްޖޭގެ މަންދޫބެވެ.
މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.
ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ އަވަސް އަރުވާލައިގެން ނިންމަން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ ވަކީލުންނާއި ސަޕޯޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.












