



.jpg?w=3840&q=75)



.jpg?w=2048&q=75)
ރައްޔިތުންގެ މަޖިލިސް މެންބަރަކު ބަޖެޓް ފޮތް ބައްލަވައިލައްވަނީ- ފޮޓޯ: މަޖިލިސް
ޤައުމެއްގެ އިޤްތިޞާދީ ދުވެލި ބާރުވެ، ދެމެހެއްޓެނިވި ތަރައްޤީއެއް ޙާޞިލްކުރެވޭނީ އެ ޤައުމެއްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭ ކުރިއެރުމެއްގެ މައްޗަށެވެ. އެއީ އިޤްތިޞާދުގެ މައިބަދައެވެ. މި މުހިންމު ޙަޤީޤަތް ދަނެގެން، ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ވަކިން ޚާއްޞަކޮށް ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން މިވަނީ އަންނަ އަހަރުގެ ބަޖެޓުގައި ވަރަށް އަގުހުރި، އުންމީދީ ކަންތައްތަކެއް ހިމަނުއްވާފައެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ބަޔާން އިއްވަވަމުން، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ރާވާފައިވާ މުހިންމު ސިޔާސަތުތައް ހިއްސާކުރައްވާފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އަލަށް ފަށާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އެސްއެމްއީ ސްޓާޓްއަޕް ފަންޑެއް ޤާއިމްކުރުމަށް ނިންމެވި ނިންމެވުމެވެ. މި ސިޔާސަތުގެ އެންމެ މައިގަނޑު އަމާޒަކީ ދިވެހި ޒުވާނުންނަކީ ހަމައެކަނި ވަޒީފާ ހޯދާ ބައެއްގެ ބަދަލުގައި، އަމިއްލައަށް ވަޒީފާގެ ފުރުޞަތުތައް އުފައްދާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ އައު ޖީލެއް ބިނާކުރުމެވެ.
ވަޒީރު ވިދާޅުވި ފަދައިން، ކޮންމެ ކުޑަ ވިޔަފާރިއެއްގެ ފަހަތުގައި ވަނީ ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ މަތިވެރި އަޒުމުގައި ހުރި ހީވާގި ދިވެއްސެކެވެ. އެހެންކަމުން، އެފަދަ ފަރާތްތަކަށް މާލީ ބުރަތައް ކުޑަކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިގޮތުން، ވިޔަފާރިތަކަށް ޓެކްސް ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން، ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިޔަން ރުފިޔާއިން 1.5 މިލިޔަން ރުފިޔާއަށް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި ބަދަލަށް ޢަމަލުކުރަން ފެށުމުން، ގިނަ އަދަދެއްގެ ކުދި ވިޔަފާރިތަކަށް އިތުރު މާލީ ޖާގައާއި ދިރުން ލިބިގެންދާނެއެވެ.
މީގެ އިތުރުން، މުޅި ރާއްޖެއަށް އިޤްތިޞާދީ ތަރައްޤީ ފުޅާކުރުމުގެ ގޮތުން ސަރަޙައްދީ ފެންވަރުގައި ވިޔަފާރިތައް ކުރިއެރުވުމަށް ވެސް ޚާއްޞަ އިސްކަމެއް ވަނީ ދެވިފައެވެ. އެގޮތުން އައްޑޫ ސިޓީގައި "އައްޑޫ އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯން" އެކުލަވާލުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ. މި ޒޯނުގެ ދަށުން ވިޔަފާރިތަކަށް އިންޤިލާބީ ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބިމެއް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާނަމަ އެ ބިމުގެ ކުލި އެއްކޮށް މަޢާފުވުމާއި، ބީޕީޓީ ނުވަތަ އިންކަމް ޓެކްސް ދައްކަން ނުޖެހުން ހިމެނެއެވެ. އަދި ބިދޭސީ މުވައްޒަފުންގެ ކޯޓާ ފީއަށް ބޮޑެތި ލުއިތަކެއް ލިބުމާއި، ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ އުޅަނދުތަކުގެ އަހަރީ ފީ މަޢާފުވުން ފަދަ އެތައް ޢިނާޔަތްތަކެއް މި މަޝްރޫޢުގެ ދަށުން ފަހިވެގެންދާނެއެވެ.
ސަރުކާރުގެ އަންނަ އަހަރުގެ ބަޖެޓަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އާ ދިރުމެއް ގެނެސްދޭނެ ހަރުދަނާ ބަޖެޓެކެވެ. ޚާއްޞަ ފަންޑުތަކާއި، ޓެކްސްގެ ލުއިތަކާއި، އަދި ސަރަޙައްދީ ޒޯންތައް މެދުވެރިކޮށް ފަހިކޮށްދޭ ފުރުޞަތުތަކުގެ ސަބަބުން، ދިވެހި ޒުވާނުންނަކީ އަމިއްލަ މަސައްކަތުން ފުދުންތެރިކަން ހޯދާ، ޤައުމުގެ އިޤްތިޞާދު އައު އުސްމިންތަކަކަށް ގެންގޮސްދޭނެ މުހިންމު ބައިވެރިންނަށް ވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.




.jpg?w=3840&q=75)
.jpg?w=3840&q=75)

.jpg?w=3840&q=75)
