



.jpg?w=3840&q=75)




އާއިލާއެއްގެ ބަޔަކު ހިނގާފައި ދަނީ --- ފޮޓޯ: މިހާރު
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، ޢާއިލީ ގުޅުންތައް ހަރުދަނާކުރުމަށާއި، ދަރިންނަށް އިސްލާމީ ރިވެތި ތަރުބިޔަތު ދިނުމަށް މުޅި މުޖުތަމަޢަށް ގޮވާލައިފިއެވެ.
"ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މަޢުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮންމެ މުޖުތަމަޢެއްގެ ވެސް ބިންގަލަކީ ޢާއިލާއެވެ. އެހެންކަމުން މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ރަނގަޅުކޮށް، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކޮށްގެން ކަމަށާއި، މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށްދާ އެންމެ ބޮޑު ސަބަބަކީ ދަރިން ތަރުބިޔަތުކުރުމާއި ތަޢުލީމު ދިނުމުގައި ދިމާވާ މައްސަލަތައް ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. ނަމަވެސް އެ ކުއްޖާގެ މުސްތަޤުބަލާއި އަޚުލާޤު ބައްޓަންވަނީ މައިންބަފައިން ދޭ ތަޢުލީމާއި ތަރުބިޔަތެއްގެ މައްޗަށެވެ. އެހެންކަމުން ދީނީ ކަންކަމަށް ލޯބިޖެއްސުމާއި، މައިންބަފައިންނަށް ކިޔަމަންގަނެ ކަމޭހިތުމަށާއި، ގާތްތިމާގެ މީހުންނަކީ ކޮބައިކަން ބުނެދީ ރަޙިމުގެ ގުޅުން ބަދަހިކުރަން ޅަފަތުގައި ދަސްކޮށްދިނުމަކީ ބެލެނިވެރިންގެ ބޮޑު ޒިންމާއެއްކަން ހަނދާންކޮށްދިނެވެ. އަދި އުމުރުން ހަތް އަހަރުގައި ނަމާދުކުރަން އަމުރުކުރުމަށާއި، ދިހަ އަހަރުވުމުން ނަމާދު ނުކުރާނަމަ އަދަބުދީގެން ވެސް ނަމާދު އަދާކުރުވުމަށް މާތް ނަބިއްޔާ ﷺ ދެއްވާފައިވާ އިރުޝާދު ފާހަގަކުރިއެވެ.
މީގެ އިތުރުން، އިސްލާމްދީނުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ އެއް ކަމަކީ ރަޙިމުގެ ގުޅުން ދެމެހެއްޓުން ކަމަށާއި، އެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ އުމުރުގައި ބަރަކާތްލައްވާނޭ ކަމެއް ކަމުގައި ޚުޠުބާގައި ބުންޏެވެ. އަދި ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ، ސުވަރުގެ ވަނުމުން މަޙުރޫމުވާ ފަދަ ނުރައްކާތެރި ކަމެއްކަން ހަނދާންކޮށްދިނެވެ. ޙަޤީޤީ ގުޅުން ދަމަހައްޓާ މީހަކީ ހަމައެކަނި އަނެކާ ހެޔޮކޮށް ހިތުމުން ބަދަލުގައި ހެޔޮކޮށް ހިތާ މީހާ ނޫން ކަމަށާއި، އެއީ ގުޅުން ކެނޑިގެންދާ ހިނދުގައި ވެސް އެ ގުޅުން ޤާއިމުކުރަން އިސްނަގާ މީހާ ކަމަށް ނަބަވީ އިރުޝާދުތަކުން ދަލީލު ދައްކަމުން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ހަމައެކަނި މާއްދީ ތަނަވަސްކަން ހޯދައިދިނުމުގެ ބަދަލުގައި، މައިންބަފައިން އަމިއްލައަށް ރިވެތި ނަމޫނާ ދައްކައިގެން ދަރިންނަށް އިސްލާމީ ރިވެތި އަދަބުތައް އުނގަންނައިދިނުމަށާއި، އެންމެހައި މުސްލިމުންނަކީ ރަޙިމުގެ ގުޅުން ދަމަހައްޓާ، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވާ ބަޔަކު ކަމުގައި ވުމަށް އިލްތިމާސްކޮށްފައެވެ.




.jpg?w=3840&q=75)



