
41_2022-638051587329474281-947
އެންމެ ފަހުން ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ، ބެލްޖިއަމް 2-0 ބަލިކޮށް ގުރޫޕް އެފްގެ އެއްވަނަ އަށް މޮރޮކޯ ޖެހިލައިފިއެވެ.
ގަތަރުގެ އަލް ތައުމާމާ ސްޓޭޑިއަމްގައި ކުޅެވުނު މި މެޗުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި މޮރޯކޯއިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ހަކީމް ޒިޔެޝް ޖެހި ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަން ނަމަވެސް، އެ ޓީމުގެ ރޮމައިން ސައިސް އޮފްސައިޑް މަގާމެއްގައި ހުރުމުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ މިއީ ލަނޑެއް ނޫން ކަމަށް ނިންމާފައެވެ.
މެޗުގައި މޮރޮކޯ އިން ލީޑުނެގީ ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައެވެ. މިއީވެސް މޮރޯކޯއަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ލަނޑެކެވެ. އޭރިއާގެ ބޭރުން، ދަނޑުގެ އަރިމަތިން ލިބުނު ހިލޭ ޖެހުން، ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު މޮރޮކޯ އަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރ އަބްދުލްހާމިދް ސަބަރީ އެވެ.
މޮރޮކޯ ދެވަނަ ލަނޑު ކާމިޔާބު ކުރީ 90 މިނެޓު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަ މިނެޓުގެ ތެރެއިން ދެވަނަ މިނެޓުގައި، ހަކީމް ޒިޔެޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޒަކަރިއްޔާއެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓައި އެކު މޮރޮކޯ ވަނީ ހަތަރު ޕޮއިންޓް ހަމަކޮށް ގްރޫޕް އެފްގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނައިގައި ބެލްޖިއަމް އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އެއް މެޗުން އެއް ޕޮއިންޓާއެކު ކްރޮއޭޝިއާ އޮތްއިރު ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއޮތް ކެނެޑާ އެވެ.












