
merlin_169441164_37fd343c-078a-47ae-8922-e5b683b14fbd-mobileMasterAt3x
ރަޝިއާގެ ޓީމުތައް ފީފާގެ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކުރަން ފީފާއިން ނިންމާފައިވާ ނިންމުން ބަދަލުކުރަން ރަޝިއާ އިން ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހެޅި މައްސަލާގައި ފީފާގެ ނިންމުމަށް ބަދަލު ގެންނަން ނުފެންނަ ކަމަށް ކަނޑައަޅައި، ފީފާގެ ނިންމުން ދަމަހައްޓަން އެ ކޯޓުން ނިންމައިފިއެވެ.
ޔޫއެފާއާއި ފީފާއިން އެ ނިންމުން ނިންމީ ޔޫކްރެއިން އަށް އަރައި ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުންނެވެ. ފީފާއާއި ރަޝިއާގެ ކުޅިވަރުގެ ދާއިރާއަށް އެޅި ފުރަތަމަ ފިޔަވަޅަކީ ރަޝިއާގެ ދިދައިގެ ދަށުގައި އެ ގައުމުގެ ގައުމީ ސަލާމް ޖަހައިގެން އެއްވެސް މެޗެއް ނުކުޅެވޭނެ ކަމަށް ނިންމި ނިންމުމެވެ. ފީފާގެ މެޗުތައް ކުޅެން ޖެހޭނީ "ފުޓްބޯލް ޔޫނިއަން އޮފް ރަޝިއާ"ގެ ނަމުގައި ކަމަށްވެސް އެއިރު ނިންމި އެވެ. ފަހުން އެ މައްސަލަ އިތުރަށް ބަލައި، ޔުއެފާ އާއި ފީފާ އިން އެކުއެކީގައި ރަޝިއާ އަށް ދިނީ މެޗުތައް ނުކުޅެވޭ ގޮތަށް ސަސްޕެންޝަނެކެވެ.
އެ ނިންމުންތަކަށް އަމަލު ކުރަން ލަސްކޮށްދިނުމަށް އެދި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހެޅީ ރަޝިއާގެ ފުޓުބޯޅަ ޔޫނިއަނުންނެވެ. އެމައްސަލާގައި ކޯޓުން ނިންމީ ފީފާއިން ކަނޑައަޅާފައިވާ ނިންމުންތައް ބަދަލުކުރަން ޖެހޭ، ނުވަތަ އަމަލު ކުރުން ފަސްކޮށްދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ރަޝިއާގެ ފުޓްބޯޅަ ޔޫނިއަނުން ވަނީ ޔޫއެފާއިން ނިންމި ނިންމުންވެސް ބަދަލުކޮށްދިނުމަށް އެކޯޓުގައި އެދިފައެވެ. އެ މައްސަލާގައިވެސް ކޯޓުން ނިންމީ ހަމަ މިގޮތަށެވެ.
ރަޝިއާގެ ފުޓްބޯޅަ ޔޫނިއަނުން ކޯޓަށް މައްސަލަ ހުށަހެޅީ ޔުއެފާ އާއި ފީފާ އިން ދިން އަދަބު ބަލައިގަންނަން އުނދަގޫ ކަމަށްބުނެ އެވެ. އަދި ރަޝިއާގެ ގައުމީ ޓީމުތަކަށް ބައިނަލްއަގުވާމީ މެޗުތައް ކުޅުމުގައި ހުރަހެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ރަޝިއާ އިން ފީފާ އާއި ޔުއެފާ އަށް ހުށަހަޅާފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ރަޝިއާ ކުޅެން އޮތް ޕްލޭ އޮފް މެޗުތަކާއި ރަޝިއާގެ އަންހެން ޓީމު ޔޫރަޕްގެ އަންހެން މުބާރާތުގައި ކުޅެވޭނެ ގޮތް ވީ އެންމެ އަވަހަށް ހަދައިދޭން ސަސްޕެންޝަން އުވާލައިދޭން އެދި އެވެ. އެ ގޮތަށް ފީފާ އާއި ޔުއެފާ އިން ކަންކަން ނުކޮށްފިނަމަ ރަޝިއާ ނުލައި ޔުއެފާ އާއި ފީފާ އިން ރާވާ މުބާރާތެއް ކުރިއަށް ނުގެންދެވޭ ގޮތް ހަދައިދޭން ކޯޓުގައި ރަޝިއާ އިން އެދިފައިވެއެވެ.
ކޯޓުގެ މި ނިންމުމާ އެކު މިވަގުތު ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގައި ކުރިއަށް ހުރި މެޗްތަކުގައި ރަޝިއާއަށް ބައިވެރި ނުވެވޭނެ އެވެ. އެއާއެކު ކޯޓުގެ ނިންމުމާ އެއްގޮތަށް އޮޓޮމެޓިކުން ރަޝިއާ އެ މުބާރާތުން ވަކި ވީ އެވެ.
.jpg?w=3840&q=75)




.jpg?w=3840&q=75)






