
New Project (65)
ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު 14 ދުވަހަށް ސަސްޕެންޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު އައްޔަނުކުރެވިފައިވާ ކޯޓަށް ޤަވާއިދުން ނުކުތުމުގެ ބަދަލުގައި ނުކުންނަމުން ގޮސްފައި ވަނީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުއާ ހަވާލުކުރެވިފައިވާ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށްކަން ކަމާބެހޭ ލިޔެކިއުމުންނާއި އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުގެ އިއުތިރާފުން ސާބިތުވާކަމަށެވެ.
އަދި މިކަމުގައި އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު ޢަމަލުކޮށްފައި ވަނީ ހަވާލުކުރެވިފައިވާ ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާ ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށެވެ.
އެހެންކަމުން އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުގެ މި ޢަމަލަކީ، ޤާދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލަކަށްވާތީ،ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު ވަޒީފާގެ މަސައްކަތަށް ނުކުތުން 14 ދުވަހަށް މަނާކުރުމަށް ފެންނަކަމަށް 2022 އޮކްޓޫބަރު 19 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 73 ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.












