



.jpg?w=3840&q=75)




އާސެނަލް އާއި ބަޔާން މިޔުނިކް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޖަރުމަނުގެ ބަޔާން މިޔުނިކާއި ދެކޮޅަށް އާސެނަލް އިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
ޗެމްޕިއަންސް ލީގުގައި ބަޔާން އެންމެ ފަހުން ކުޅުނު މެޗުގައި ނޯވޭގެ ވައިކިންގް އާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ފްރާންސްގެ ލިއްލެ 3-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
މިޔުނިކްގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އާސެނަލް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު އެބެރެޗީ އެޒޭ އެވެ.
ބަޔާން މިޔުނިކުން ނަތީޖާއެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަލްފަންސޯ ޑޭވިސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ބަޔާން މިޔުނިކުން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 61 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ.
އާސެނަލް އިން ނަތީޖާއެއްވަރުކުރި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޑެކްލަން ރައިސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ
މިނަތީޖާއެކު ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުނ ތާވަލުގެ ހަތްވަނައިގައި އާސެނަލް މިވަގުތު އޮތްއިރު، ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ބަޔާން މިޔުނިކް މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.




.jpg?w=3840&q=75)