
.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)




PHOTO-2022-10-13-16-14-22
ދައުލަތުގެ ބަޖެޓުގެ ގޮތުގައި އަންނަ އަހަރު ހުށަހަޅާނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަށް ބަޖެޓުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާތީ އަދި ސީދާ އަދަދު އަދި ކަށަވަރު ކުރަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރަށް 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ލަފާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ މިހާތަނަށް މަޖިލީހަށް ހުށައަޅާ އެންމެ ބޮޑު ބަޖެޓެވެ.
ފިސްކަލް ސްޓްރެޓަޖީގައި 2023 އަހަރަށް އަޅުގަނޑުމެން ހުށައަޅާނެ ބަޖެޓެއް ގޮތުގައި އަޅުގަނޑުމެން ފާހަގަކޮށްފައިވާނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް. އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަމުން މިދަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅަން. ޕޮލިސީ ލެވެލްގެ ޑިސްކަޝަންއާއެކު ޢަދަދު ކުޑަވުމަކީވެސް އެކަށީގެންވާކަމެއް. އަދި ކޮންމެވެސް ވަރަކަށް މަތިވުމަކީވެސް އެކަށީގެންވާކަމެއް. އެކަމަކު މިހާރުގެ އަމާޒަކީ ހަމަ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްގައި ހިފެހެއްޓުން އެއީ އަޅުގަނޑުމެންގެ ފިސްކަލް ސްޓްރެޓެޖީ -- ފިނޭންސް މިނިސްޓަރު
އަމީރު ވިދާޅުވީ، 2023 އިން 2025އަށް ފިސްކަލް ސިޔާސަތުގެ އިސް އަމާޒެެއްގެ ގޮތުގައި ކަނޑައަޅަފައިވަނީ ސަރުކާރުގެ މާލީ ޙާލަތު ރަނގަޅުކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަޤިންކުރުމަށްކަމަށްކަމަށެވެ. އެގޮތުން ދަރަނި އިތުރުކުރުމަށް ކަންތައްތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޢާމްދަނި އިތުރުކުރުމަށް ކުރާ އެންމެ މުހިންމު އެއް ކަމަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ މަތިކޮށްގެން ޢާމްދަނީ އިތުރުކުރުންކަމަށެވެ. އަންނަ އަހަރުގެ އާމްދަނީ 30 ބިލިއަންގައި ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން މީގެކުރިން ވިދާޅުވީ މިމަހުގެ 31 ވަނަ ދުވަހު ބަޖެޓް މަޖިލީހަށް ހުށަހެޅުން އޮންނާނެ ކަމަށެވެ. މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ.

.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)