-1791113559823.jpeg?w=3840&q=75)






.jpg?w=3840&q=75)

ދިވެހިރާއްޖެއަކީ ޖިއޮގްރަފީ ގޮތުން ބަލާއިރު ބޮޑު ބައެއް ކަނޑުގެ ސަރަޙައްދުގެ ގޮތުގައި ހިމެނޭ ޤައުމެކެވެ. ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށާއި، އިޤްތިޞާދީ ޙަރަކާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަނޑުގެ ސަރަޙައްދު ހުއްޓުމެއްނެތި ބެލެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާ އަބަދުވެސް އޮތީ ފުރިހަމައަށް ތައްޔާރީ ޙާލަތުގައި ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވަނީ ހާމަކުރައްވާފައެވެ.
އާންމުންނާ ގާތުން މަޢުލޫމާތު ޙިއްޞާކުރުމަށް ބޭއްވި "އަހާ" ފޯރަމްގައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޚާއްޞަކޮށް އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމަށާއި، ބޭރުގެ ފަރާތްތަކުން ވަދެދާނެ ފަދަ ޙާލަތަކަށް ސިފައިން ތައްޔާރުވެފައިވާ މިންވަރާ ގުޅޭގޮތުން އާންމު ފަރާތަކުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ސިފައިން އަބަދުވެސް ތިބެނީ މިފަދަ ކަންކަމަށް ފުރިހަމައަށް ލޯހުޅުވައިގެން ތައްޔާރަށް ކަމަށެވެ. ނަމަވެސް، މި ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ޒަމާނީ ވަސީލަތްތައް ހަމަޖެހިގެން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން، ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކުރުމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. މިގޮތުން، ރާއްޖޭގެ ވައިގެ ސަރަޙައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯން ބޭނުންކުރަން ފެށުމާއި، ތުރުކީވިލާތުން މަނަވަރެއް ހޯދުމުގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި މަނަވަރު ފަދަ މުހިންމު އަސްކަރީ ވަސީލަތްތައް ހޯދުމަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެކެވެ. ވަޒީރު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އިތުރު އުޅަނދުތަކާއި ވަސީލަތްތައް ހޯއްދަވައި، އަސްކަރިއްޔާގެ ޖުމްލަ ކެޕޭސިޓީ ވަރުގަދަކުރެއްވުމަށެވެ.
ކޯސްޓްގާޑުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މިހާރުވެސް ޕެޓްރޯލްކުރާ އިތުރު 3 އުޅަނދު ހޯދާފައިވާއިރު، ކުރިއަށް އޮތްތަނުގައި އިތުރު 17 އުޅަނދު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ބައެއް އުޅަނދުތައް މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެ ގެނެވޭނެއެވެ. މީގެއިތުރުން، ރައްޔިތުންގެ ޞިއްޙީ ކުއްލި ޙާލަތްތަކަށް އެހީތެރިވުމުގެ ގޮތުން 12 ސީއެމްބިއުލާންސް ބަނުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސަރަޙައްދުގެ އެންމެ ބޮޑު ބައެއް ކަނޑު ހިއްސާކުރާއިރު، މި ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ޤައުމުގެ އިޤްތިޞާދީ ނަފާ އިތުރުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުތަކާއި، ދިފާޢީ ވަސީލަތްތައް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ބޭރުގެ އެއްވެސް ނުރައްކަލަކަށް ފަސްޖެހުމެއްނެތި ކުރިމަތިލުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާގައި ވަރުގަދަވެ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ސަލާމަތްތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.
-1791113559823.jpeg?w=3840&q=75)



