.jpg?w=3840&q=75)
Abdulla Shahid
އަންނަ އަހަރަކީ ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ އަހަރަކަށް ވެދާނެކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އދގެ ވޯލްޑް ފުޑް ސެކިއުރިޓީ، ކޮމިޓީގެ 50 ވަނަ ޕްރިލިމިނަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އދގެ ވޯލްޑް ފުޑް ސެކިއުރިޓީ ކޮމިޓީގެ 50 ވަނނަ ޕްރިލިމިނަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާއި، މޫސުމީ ހީނަރުކަމާއި، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ޔަޤީންކަން ނުރައްކަލަށް ހުށަހެޅި، ޖީލަކަށް ފަހު ޖީލެއްގައި ދިރިއުޅުމުގެ އެންމެ ބޮޑު ޚަރަދެއް ކުރަންޖެހިފައިވާ ކާރިސާއެއް ކުރިމަތިވެފައިވާކަމަށެވެ.
މި ކާރިސާއިން އަރައިގަތުމަށް ދާއިމީ ޙައްލުތަކަށް ރިޢާޔަތްކޮށް، އިސްނެގުން އިތުރުކޮށް، ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މި ހައްލުތަކަކީ 2030 ވަނަ އަހަރުގެ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާގައި ބަޔާންކޮށްފައިވާ އަމާޒުތަކުން ހިތްވަރުލިބިގެން ލަނޑުދަނޑިތަކާއި ގުޅޭ ހައްލުތަކަކަށް ވާންޖޭހޭ ކަމަށާ ކުރު މުއްދަތުގައި އަގުތައް ހަމައަކަށް އަޅުވައި، ސަޕްލައި ޗެއިންގެ މައްސަލަތައް ހައްލުކޮށް އަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކާބޯތަކެތީގެ މައްސަލާގައި ވަގުތީ އަދި ދާއިމީ ހައްލުތަކެއް ބޭނުންވާކަން ޤަބޫލު ކުރެވޭތީ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ ހައިސިއްޔަތުން ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތާބެހޭ ކޮމިޓީއާއީ ބައްދަލުކޮށް، "ޓައިމް ޓު އެކްޓް ޓު ގެދަރ: ކޯޑިނޭޓިންގ ޕޮލިސީ ރެސްޕޮންސެސް ޓު ދަ ގްލޯބަލް ފުޑް ކްރައިސިސް" ގެ ނަމުގައި، މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
މި ޙަރަކާތުގެ ސަބަބުން، މެންބަރު ޤައުމުތަކާއި، މަދަނީ ޖަމާޢަތްތަކާއި، ޕްރައިވެޓް ސެކްޓަރާއި، ކަމާބެހޭ އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ދުނިޔޭގެ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމުގައިއާއި، ޢަމަލުކުރާނެ ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިވެގެންދިޔަ ކަމަށެވެ.
މި ސެޝަންގައި، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށާއި، ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށް އިންޓަރގްރޭޓެޑް އެޕްރޯޗެއް އެކުލަވާލާނެ މައިގަނޑު ބައިތަކާ މެދު އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެކަން ހާމަވެގެންދިޔަ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދަށްކުރާ އަސަރުގެ އިތުރުން، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވެފައިވާ އެހެން ކުދި ޖަޒީރާ ޤައުމުތަކެކޭ އެއްފަދައިން، ދިވެހިރާއްޖެ އަށްވެސް ވަރަށް ބޮޑަށް އަސަރެއްކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިންވެސް ދަނީ ދަތިތަކާއި ކުރިމަތިލަމުން ކަމަށާ ޢަޒުމް ކަނޑައަޅައިގެން މިތިބީ، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކަމަށެވެ. ނަމަވެސް މިކަން ކާމިޔާބު ކުރެވޭނީ، އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ލިބިގެންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ކޮންޓްރޯލް ކޮށް، އެބަދަލުތަކަށް ރައްދުދިނުމަށް މުޅި ދުނިޔެ އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.










.jpeg?w=3840&q=75)