
big_o5G0ascZk0AY4XyQhFZGob5Q0
ގޭންގުތަކާއި ޑްރަގް ނެޓްވޯކްތަކުގައި ޖެހިފައިވާ ޒުވާނުންނަށް ވަރަށް ބޮޑަށް އަޅާލުން ބޭނުންވާ ކަމަށް ހޯމް މިނިސްޓަރ އިމްރާންް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އެގޮތުން މިނިސްޓަރ އިމްރާން ވިދާޅުވީ ނޭކުރެންދޫގައި ޖަލު އެޅުމަކީ ކުށްތަކަށް އަރައިގަންނަ ޒުވާނުން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތް ކަމަށާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ޒުވާނުން ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ އިމްރާން ވިދާޅުވީ މި ޖަލުގެ ތެރެއިން އިންޑަސްޓްރިއަލް މަސައްކަތްތައް އެފަދަ ޒުވާނުންނަށް ދަސްކޮށްދެވިގެންދާނެކަމަށެވެ.
"ރާއްޖޭގައި މިވަގުތު ގޭންގުތަކާއި ޑްރަގް ނެޓްވޯކްތަކުގައި ޖެހިފައިވާ ޒުވާނުންނަށް ވަރަށް ބޮޑަށް އަޅާލުންތެރިކަން ބޭނުންވޭ. އެކަމަށް އޮތް އެންމެ ބޮޑު ހައްލެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ މިއަދު ދުނިޔޭގެ ގައުމުތަކުގައި ކާމިޔާބުކަމާއެކު ތަންފީޒުކުރަމުން ގެންދާ އިންޑަސްޓްރިއަލް ނުވަތަ އޯޕަން ޕްރިޒަން އެއް ރާއްޖޭގައި ގާއިމުވެގެން ދިއުން" މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
ނޭކުރެންދޫގައި ޖަލެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންކަމުން އެޖަލު ވެގެންދާނީ އެތަނުގައި ރިހިބިލިޓޭޝަން ފަރުވާދެވި، ބައެއް ކަހަލަ ކުށްކޮށްފައިވާ ޤައިދީން އަލުން އަވަހަށް މުޖުތަމައަށް ނެރެވޭފަދަ އިންތިޒާމުތަކާއެކު ހަދާ ޖަލަކަށެވެ.















.jpg?w=3840&q=75)
