








_AMN0645
ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތް ޑިވެލޮޕްމަންޓް އެންޑް އެމްޕަވާމަންޓް (ޓޭޑް) ޖަމިއްޔާއިން ގދ. ތިނަދޫގައި ކުރިއަށް ގެންދާ، ބާބަކިއު އޭރިއާ ތަރައްގީ ކުރުމުގެ މަޝްރޫއަށް ވެލިގާ ހާޑްވެއާއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. މިއީ އެކުންފުނީގެ ސީއެސްއާރުގެ ދަށުން ފޯރުކޮށްދޭ އެހީ އެކެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވެލިގާއިން ތިނަދޫގައި ކުރިއަށްގެންދިޔަ ރޯޑްޝޯވ ނިންމުމުގެ ރަސްމިއްޔާތުގައެވެ. އެގޮތުން ވެލިގާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ، އެސިސްޓަން ޖެނެރަލް މެނޭޖަރ އިރުފާއު އަބްދުﷲ އެވެ. ޓޭޑްގެ ފަރާތުން ސޮއި ކުރެއްވީ ޖަމިއްޔާގެ ރައީސް، އިނާޒު މުޙައްމަދެވެ.
އެ އެއްބަސްވުމުގެ ދަށުން ވެލިގާއިން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދޫކުރާނީ، މަޝްރޫއަށް ބޭނުންވާ 50،000 ރުފިޔާގެ އަގުހުރި ތަކެއްޗެވެ.
ޓޭޑްއިން ތިނަދޫގައި ތަރައްްގީ ކުރާ ބާބަކިއު އޭރިއާ އަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ފަންޑްކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓުގެ އެއްބައި ނިމިފައިވާއިރު، ވެލިގާއިން ފޯރުކޮށްދިން އެހީތެރިކަމާއެކު މި މަސައްކަތް އެއްކޮށް ނިންމާލުމަށް ފަސޭހަވެގެންދާނެ އެވެ.
އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ތިނަދޫގައި ބާބެކިއު ހަދާނެ ތަނެއް ތަރައްޤީކުރުމުގެ މަޤްސަދަކީ ތިނަދޫގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި ރައްޓެހިންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި އެކުވެރިންނާއި ގާތްތިމާގެ މީހުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް އެފަދަ ތަނެއް ގާއިމްކުރުމުގެ މަގުސަދެއް ކަމުގައި ޓޭޑުން ބުނެއެވެ.
މި މަސައްކަތުގެ މައުލޫމާތު ތަފްސީލްކޮށްދެއްވަމުން އިނާޒު ވިދާޅުވީ، ފުރަތަމަ ބައިގައި ބާބަކިއު ހެދުމަށް 4 ގްރިލް އާއި 4 ބީޗް ބެންޗް ތައްޔާރުކޮށް އެތަނަށް ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސިގެންދާނެ ކަމަށެވެ. އަދި ދެވަނަ ބައިގައި 15x15ފޫޓްގެ ކުޑަ ފިހާރައަކާއެކީ 2 ފާހާނާ (އަންހެން، ފިރިހެން) އިމާރާތް ކުރެވޭއިރު ތިންވަނަ ބައިގައި ކުޑަކުދިން ހިތް އުފާކޮށްލާނެ ކުޅޭ ސަރަހައްދެއް ތައްޔާރުކުރެވިގެންދާނެކަމަށް އިނާޒު ވިދާޅުވި އެވެ.
މި ބާބަކިއު އޭރިއާ ތަރައްގީ ކުރަނީ ރަށުގެ ދެކުނު ފަރާތު ބޮޑު ދަނޑުގެ ފުރަގަހުން، އެ ސަރަހައްދުގެ ކުޅިއާވީ ހިސާބުގައެވެ. އެ މަޝްރޫއަށް ތިނަދޫ ކައުންސިލުން ކަނޑައަޅާފައިވާ އެ ބިމުގެ އިންފާރު ވަކިކުރުމަށް ޓޭޑުން ވަނީ ތަނބު ޖަހައި ނިންމާފައެވެ.








