








FcjZdYaagAACmVW
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ޤައުމު ދިފާޢުކުރުމުގައި، އަބަދުވެސް 'ކޮމާންޑް އެންޑް ކޮންޓްރޯލް' އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ސޯލިހު ވިދާޅުވީ، އެކޮންޓްރޯލް ދިވެހި އަސްކަރިއްޔާގެ އަތުގައި އޮންނަން ޖެހޭކަން ދިވެހި ޢަސްކަރިއްޔާގެ ހަމަ ކޮންމެ ފަރުދަކު އަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން ކަމުގައި ވިދާޅުވެ، އެ މިނިވަންކަމާއި ސިޔާދަތުގެ އައްޑަނައަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ސިފައިންކަމުގައި ސިފަކުރައްވާފައެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ދުނިޔެއަށް ކުރިމަތިވަމުންދާ ޓެރަރިޒަމްގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖެއަށް ވެސް އެ ނުރައްކާ އޮތްކަން ހާމަކުރައްވާފައެވެެ. އަދި، އެމަނިކުފާނު ވަނީ އެފަދަ ކަންކަމަށް ސަމާލުވާންޖެހޭ މިންވަރު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށާއި، ސަބަބަކީ ޒަމާނީ ޓެކްނޮލޮޖީ އާއި މުވާޞަލާތީ ލުއިފަސޭހަތަކާއެކު، ޓެރަރިޒަމްގެ އުކުޅުތައް ވެސް އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުން އަންނާތީ ކަމަށް ވިދާޅުވެފައެވެ.







