








-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ "އަދަދު" ނޫހުގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، 2026 އޮކްޓޫބަރު 6 ވަނަ ދުވަހު "ރައީސް މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި" މި ސުރުޚީގެ ދަށުން އެ ނޫހުގައި ގެނެސްދީފައިވާ ޚަބަރަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
ސްޕޯކްސްޕާސަން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާން ނުވަތަ 'އެސެޓް ޑެކްލެރޭޝަން' އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ކޮންމެ ބޭފުޅަކަށްވެސް ފަސޭހަކަމާއެކު ޑައުންލޯޑްކޮށް ބައްލަވާލެއްވޭ ގޮތަށް މިހާރުވެސް ޢާންމުކޮށް ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
އަދި މި މަޢުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެކަން މީގެ ކުރިން ރައީސް އޮފީހުން މީޑިއާތައް މެދުވެރިކޮށް އިޢުލާންކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާއަށާއި މި ސަރުކާރަށް އަމާޒުކޮށް މެދުނުކެނޑި "އަދަދު" ނޫހުން ބޮޑެތި ދޮގުތައް ފަތުރަމުންދަނީ ސިޔާސީ ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް ކަމަށްވެސް ސަރުކާރުން ތުހުމަތުކުރެއެވެ. އަދި މިފަދަ ދޮގު މަޢުލޫމާތުތައް ފާހަގަކޮށް، ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދިނުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަން ސްޕޯކްސްޕާސަންގެ ބަޔާނުގައި ވަނީ ދެއްވާފައެވެ.







