
189008_5761730b-e_-scaled
އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ދައުރެއް ފުރިހަމަކުރެއްވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ހިދުމަތުގެ ސަބަބުން އދ. އަށް އިތުރު އާރޯކަމެއް ގެނުވައިފިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ ދައުރު ފުރިހަމަކުރެއްވުމާ ގުޅިގެން ޝާހިދަށް މަރުހަބާ ދަންނަވާ ކަމަށެވެ. ޝާހިދުގެ ރިޔާސަތުގެ ސަބަބުން އދ. ގެ ގުޅިފައިވާ ގައުމުތަކުގެ ގުޅުމަށް އިތުރު އާރޯކަމެއް ގެނެސް ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ ތާރީހުގައިވެސް ދިވެއްސަކަށް އދގެ މިފަދަ ޝަރަފްވެރި މަގާމެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ ދައުރުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. ޝާހިދު އދ. ގެ ރިޔާސަތު ބަލަހައްޓަވާ އެންމެ ފުރަތަމަ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ކޮވިޑުގެ ނުރައްކަލުން ރާއްޖެ އަރައިގަތުމަށް މަސައްކަތްކުރަމުން ދިޔައިރު، ރާއްޖެއަށް އަދި އދ.ގެ ގައުމުތަކަށް އެހީ ހޯއްދެވުމަށް ޝާހިދު މަސައްކަތްތަކެއް ކުރެއްވި އެވެ.
މަގާމާ ހަވާލުވުމުގެ ކުރިން ޝާހިދުވަނީ "އުންމީދުގެ ރިޔާސަތު"ގެ ނަމުގައި ތަސައްވުރެއް އެކުލަވާލައްވާފައެވެ. މި ތަސައްވުރުގައި އެކުލެވިގެން ވަނީ "އުންމީދުގެ ފަސް ދޯދި"ގެ ނަމުން ނަންދީފައިވާ ފަސް ދާއިރާއަކުން ކުރެވޭ މަސައްކަތްތަކެކެވެ. އެ ފަސް ދާއިރާއަކީ:
ކޮވިޑް19 އިން އަރައިގަތުން
ދެމެހެއްޓެނިވި ގޮތުގައި އާރާސްތުކުރުން
ދުނިޔޭގެ ބޭނުންތަކަށް އިޖާބަދިނުން
އެންމެންގެ ހައްގުތަކަށް އިހްތިރާމްކުރުން
އދ. ރީފޯމްކުރުން
ޝާހިދަށް ފަހު، އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ޖޫންމަހު އެ މަގާމަށް އިންތިޚާބުވި ހަންގޭރީގެ ރައީސް އޮފީހުގެ ދެމެހެއްޓެނިވި ތިމާވެއްޓާ ބެހޭ ޑިރެކްޓަރު ސާބާ ކޮރޯސީއެވެ.
















